ސިޔާސީ ހަރަކާތްތައް ހިންގަން އެމްޑީޕީން ބޭނުން ކުރަމުންދިޔަ އުސް ފަސްގަނޑަށް ފުލުހުން އަރާ އެތަން ފާސްކުރުމާ ގުޅިގެން އިއްޔެ އާއި ރޭ މާލޭ ތެރޭ ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި 52 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ އިދާރާގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ މުޅިން ވެސް ފިރިހެނުން ކަމަށާއި އޭގެ ތެރެއިން ދެ މީހަކު މިއަދު ހެނދުނު ދޫކޮށްލާފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ އިއްޔެ އާއި ރޭ މާލޭގެ އެކި ސަރަހައްދު ތަކުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިއްޔެގެ ހަމަނުޖެހުން ތަކުގައި ސިނަމާލެ ފްލެޓް ސަރަހައްދުންނާއި އުސް ފަސްގަނޑު ހިމެނޭ ހިސާބުންނާއި އެނޫން ވެސް ބައެއް ހިސާބުތަކުން ފުލުހުން މީހުން ހައްޔަރު ކުރި އެވެ. އޭގެ ފަހުން ރޭ އެމްޑީޕީން މަޖީދީމަގާ ޗާންދަނީމަގު ގުޅުނު ހިސާބަށް އެއްވެ ކުރި މުޒާހަރާގެ ތެރެއިން ވެސް ބަޔަކު ހައްޔަރު ކުރި އެވެ.

އެމްޑީޕީން ކޭމްޕް ޖަހައިގެން ސިޔާސީ ހަރަކާތްތައް ހިންގަމުން ދިޔަ އުސް ފަސްގަނޑަށް ފުލުހުން އިއްޔެ ހެނދުނު އެރި ވަގުތުން ފެށިގެން އެމްޑީޕީގެ ސަޕޯޓަރުންވަނީ އެކަމާ ދެކޮޅަށް ރޭ މުޒާހަރާކޮށްފަ އެވެ.