30 May 2012, 10:57
މަސްތުވަން ބޭނުން ކުރާ ބޭސް ގިނަ އަދަދަކަށް އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މަސްތުވުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ މަނާ ބޭހާއެކު ހައްޔަރު ކުރީ އިންޑިޔާގެ ބެންގަލޫރުން ރާއްޖެއައި ދިވެހި ފިރިހެނެއް ކަމަށްވާ ގއ. ވިލިނގިލީ ސިލްވަރުވިލާ، އަލީ ރަޝީދެވެ. އޭނާ އަތުލައިގަތީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންނެވެ. ނަމަވެސް އެއީ ކޮން ދުވަހަކު ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހާގެ އަތުން ފެނުނު ތަކެތި ތަހުލީލު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ތަފްސީލު ވަރަށް އަވަހަށް މީޑިއާއާއި ހިއްސާކުރާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަލީ ރަޝީދުގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް ކޯޓުން އިތުރުކޮށް ދީފައިވާ ކަމަށާއި ކަސްޓަމާއި ފުލުހުން ގުޅިގެން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ފުލުހުން އަލީ ރަޝީދު ދިރިއުޅޭ ގެވެސް ފާސް ކުރި އެވެ. އެގެ ފާސްކުރުމުގެ ތެރޭގައި ބޭންކް ސްލިޕްތަކެއް ފެނިގެން ބެލި ބެލުމުގައި އޭނާގެ ތިން އަހަރު ނުވާ ދަރިފުޅުގެ އެކައުންޓުން 2.7 މިލިއަން ރުފިޔާ ވެސް ވަނީ ފެނިފަ އެވެ.