30 May 2012, 10:39
މަސްވެރިންގެ ދުވަސް މިއަހަރުން ފެށިގެން އަނެއްކާ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމެވީ މަސްވެރިންގެ ދުވަސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާގޮތަށް އޮތުމުން ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ފިޝަރީޒު މިނިސްޓްރީ އިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މިގޮތުން ކުރިމަތިވާ ދަތިތަކުގެ ތެރޭގައި މަސްވެރިންގެ ދުވަސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާ އިރު ސްކޫލްތަކުގެ ޓެސްޓްތަކާ ދިމާވުމާއި ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާ ދުވަސްވަރަކަށްވާތީ މަސްވެރިންގެ ދުވަހާ ގުޅޭގޮތުން އެކިއެކި ބޭނުންތަކަށް ސްކޫލް ހޯލާއި ކްލާސްރޫމް ފަދަ ތަންތަން ލިބުން ދަތިވުމާއި އަދި ރަށަށް ޒިޔާރަތް ކުރައްވާ މެހްމާނުން ތިއްބެވުމަށް ކޮޓަރި ލިބުން ދަތިވުމާއި މަސްވެރިންގެ ދުވަހުގެ ހަފްލާތަކުގައި ބައިވެރިވާން ބޭނުންވާ ރަށުން ބޭރުގައި އުޅޭ ފަރާތްތަކަށް ވެސް ސްކޫލް ކިޔެވުމާ ދިމާވާތީ ބައިވެރިވުން ދަތިވުންފަދަ ކަންތައްތައް ހިމެނޭ ކަމަށް ވަޒީރުންގެ މަޖިލީހުން ފާހަގަ ކުރެއްވި އެވެ.
ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް އަލުން ފާހަގަކުރައްވަން ފެށްޓެވުމުން މިދަތިތައް ކުރިމަތިނުވާނެ ކަމާއި ސްކޫލް ކުދިންނަށް ވެސް މަސްވެރިންގެ ދުވަހުގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެ، މި އިންޑަސްޓްރީއާ މެދު ކުދިންގެ ހޭލުންތެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އިއްޔެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި އެވެ.
މަސްވެރިންގެ އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުންނެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މިދުވަސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަށް ބަދަލުކުރީ ޑިސެމްބަރު ދިހައެއް ބައިނަލްއަގުވާމީ ހިއުމަން ރައިޓްސް ދުވަހާއި ދިމާވާތީ އެވެ.