ސެމްސަން ގެލެކްސީ އެސް 3 އަކަށް ކުރީން އޯޑަރުކޮށްފައިވާ ފަރާތްތަކަށް އެ ފޯން ލިބުމުގައި ލަސްތަކެއް ކުރިމަތިވެއްޖެއެވެ. ދެކުނުކޮރެއާގެ އެ ކުންފުނިން ބުނާ ގޮތުގައި، މިހެން މިކަން ދިމާވީ ގެލެކްސީ 3 ގެ ނޫކުލައިގެ މޮޑެލް އުފެއްދުމުގައި އެ ކުންފުންޏަށް ބައެއް މައްސަލަތައް ދިމާވުމުގެ ސަބަބުންނެވެ. ހަމަ އެހެންމެ 32 ޖީބީގެ ހުދުކުލައިގެ މޮޑެލް ވެސް ޝިޕިންގ މައްސަލަތަކާ ހުރެ ލިބުން ލަސްވެފައިވާކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މީގެ ކުރީން ލިބުނު ޝިޕްމަންޓް އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕާއި މެދުއިރުމަތީގެ 27 ގައުމެއްގައި ވަނީ ވިއްކައިފައެވެ. ސެމްސަން ކުންފުނިން ބުނާ ގޮތުގައި ގެލެކްސީ އެސް 3 ގެ ނޫކުލައިގެ މޮޑެލްގައި ބޭނުންކޮށްފައިވަނީ މީގެ ކުރީން އާންމުކޮށް ބޭނުންކުރާ ނުލުގެ ކުލަތަކާ ތަފާތު ނޫކުލައެކެވެ.

ސެމްސަން ގެލެކްސީގެ ނޫކުލައިގެ މޮޑެލް ލިބުން ލަސްވެފައި ވިޔަސް، ކުރިޔަށް އޮތް ތިން ހަފްތާގެ ތެރޭގައި ކަސްޓަމަރުންނަށް ފޯނު ލިބޭވަރު ވާނެ ކަމަށް ސެމްސަން ކުންފުނިން ބުނެއެވެ.

ކުރީން މޯބައިލް ވިޔަފާރީގައި އެންމެ ކުރީގައި އޮތް ފިންލޭންޑުގެ ނޮކިޔާ ވައްޓައިލުމަށް ފަހު، ދެކުނު ކޮރެއާގެ ސެމްސަން ކުންފުނި މިހާރު ވެފައިވަނީ މޯބައިލްގެ ވިޔަފާރީގައި މުޅި ދުނިޔޭގައި ވެސް އެންމެ ކާމިޔާބު ކުންފުންޏަށެވެ.