ދަނޑުވެރިކަމުގެ މަސައްކަތް ކުރަން މާމަޑުއްވަރީ އިންވެސްޓްމަންޓަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ބ. މާމަޑުއްވަރީގެ ކުލި ތިން އަހަރަށް ބަހައިގެން ދައްކަން ކެބިނެޓުން ނިންމި ނިންމުން ބާތިލުކޮށް އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ގާޒީ، މަރިޔަމް ނިހާޔަތު އިއްވެވި ހުކުމްގައި ބުނަނީ ދައުވާގައިވާ 5.6 މިލިއަން ރުފިޔާ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތިން އަހަރަށް ބަހައިގެން ދައްކާ ގޮތަށް މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު ކެބިނެޓުން ނިންމާފައިވާއިރު، މީރާއިން ދައުވާކޮށްގެން ސަރުކާރަށް ހޯދަންޖެހޭ މަދަނީ ދަރަނީގެ ފައިސާއެއް ދެއްކުމާ ގުޅޭގޮތުން ދަރަނިވެރިޔާއަށް ގޮތްތަކެއް ހަމަޖައްސައިދީ ފައިސާ ދައްކަން ގޮތް ކަނޑައެޅުމުގެ ބާރު ގާނޫނީ ގޮތުން ކެބިނެޓަށް ލިބިގެންނުވާ ކަމަށެވެ.

ކެބިނެޓްގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި މިދިއަ ހޯމަ ދުވަހުން ފެށިގެން ތިން މަހުގެ ތެރޭގައި ފައިސާ މީރާއަށް ދައްކަން މާމަޑުއްވަރީ އިންވެސްޓްމަންޓްގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

"މިފައިސާ ދެއްކުމުގެ ގޮތުން 2012 މެއި 28 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން މިންވަރެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަމުން ގޮސް، މި މުއްދަތުގެ ތެރޭގައި މި ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރުމަށް މާމަޑުއްވަރީ އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި ހުކުމްކޮށްފީ މެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.