24 Jan 2024, 19:45
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މި އަހަރު ބައިވެރިވާ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ "ފިތުރް 2024"ގައި ދާއިރާގެ 22 ޕާޓްނަރުންނާއެކު
ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެމްއެމްޕީއާރުސީއިން ބުނީ ފިތުރްއަކީ އައިބެރޯ އެމެރިކާގެ އިންބައުންޑް އަދި އައުޓްބައުންޑް މާކެޓްތަކަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކަށް ވަރަށް މުހިންމު ފެއާއެއް ކަމަށެވެ.
މިފެއާ މެދުވެރިކޮށް އިންޑަސްޓްރީ ޕާޓްރަނުންގެ ތަފާތު ތަޖުރިބާތައް ދައްކައިލުމުގެ ގިނަ ފުރުސަތުތައް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

އެމްއެމްޕީއާރުސީ އިން މިއަހަރު ބައިވެރިވާ އެންމެ ފުރަތަމަ މޭޖާ ޓްރެވަލް ޓްރޭޑް ފެއާ "ފިތުރް 2024"ގެ ތެރެއިން --- ފޮޓޯ/އެމްއެމްޕީއާރުސީ
އެގޮތުން، ފިތުރް 2024ގައި ބައިވެރިވުމަކީ އެ ކުންފުނީގެ މާކެޓިން ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާކޮށް ތަފާތު ލީޑިން މާކެޓްތަކުގެ އޭޖެންޓުންނާ ބައްދަލުކޮށް ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް އެހީތެރިވެދޭ ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.
މި ހަރަކާތް ކުރިއަށްދަނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ސްޕެއިންގެ މެޑްރިޑްގައެވެ.
ހަމައެއާއެކު، އެމްއެމްޕީއާރުސީއިން ބުނީ، ފެއާގެ ސަބަބުން ރާއްޖޭގެ ތަފާތު ތަޖުރިބާތައް ޕްރޮމޯޓްކުރުމަށް މުހިންމު ޕްލެޓްފޯމްއެއް ފޯރުކޮށްދޭ ކަމަށެވެ.
"މިއީ ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ފެއާކަމުން ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ދާއިރާގެ ޕާޓްނަރުންގެ އެންމެ ފަހުގެ އުފެންދުންތަކާއި ޚިދުމަތްތަކާއި ތަޖުރިބާތަކުގެ މައޫލާމާތުތައް ފޯރުކޮށްދިނުމުގެ އަގުހުރި ފުރުސަތުތައް ވެސް ލިބޭ،" އެމްއެމްޕީއާރުސީއިން ފާހަގަކުރިއެވެ.
މި ހަރަކާތުގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކުރެވިފައިވަނީ ލަގްޒަރ،ީ ރޮމޭންޓިކ،ް އެޑްވެންޗާ، ސާފ،ް އަދި ސަގާފީ ފަތުރުވެރިކަމުގެ ސިފަތަކާއި ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކަވުދައިދޭ ވީޑިއޯތައް ވެސް ފެންނަ ގޮތަށެވެ.

އެމްއެމްޕީއާރުސީ އިން މިއަހަރު ބައިވެރިވާ އެންމެ ފުރަތަމަ މޭޖާ ޓްރެވަލް ޓްރޭޑް ފެއާ "ފިތުރް 2024"ގެ ތެރެއިން --- ފޮޓޯ/އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީއިން ބުނީ މިދިޔަ އަހަރު ސްޕެއިންއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމުގެ ތެރޭ 9ވަނަ ގައުމުކަމަށެވެ.
އެހެންވެ، މި މާކެޓުގައި ރާއްޖޭގެ ޕްރެސެންސް ވަރުގަދަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.