ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ހަ މަސް ދުވަހުގެ ތެރޭގައި އައިސްޕްލާންޓު އަޅައި ނިންމާނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މަސްވެރިކަމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށެވެ. އަދި ސަރުކާރުން ވެސް އެކަމަށް ދޭން ޖެހޭ އިސްކަން ދެމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގެ ނުވަ ސަރަހައްދެއްގައި އައިސް ޕްލާންޓު ގާއިމު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ އެއާއެކު މަހުގެ ކޮލިޓީއަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަަލަނީ، އެހެން ވީމަ ދިވެހި ރާއްޖޭގައި މިހިރަ ދޯނިތަކުގައި އާރްއެސްޑަބްލިއު މި ފެންގަނޑު ފިނި ކޮށްގެން މަސް ތާޒާ ކަން މަތީގައި ބެހެއްޓުމަށް ޓަކައި މި ބޭނުންކުރާ ނިޒާމު ގާއިމު ކުރުމުގެ 200 ފުރުސަތު އެބަ އޮތް އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

އަދި ބޭންކު މެދުވެރިކޮށް މި ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް މަގުފަހި ކޮށްދޭނެ ކަން ވެސް މުއްތަލިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހަފްތާ 14ގެ ތެރޭގައި ލޯންޗު ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ކުދި އައިސް ޕްލާންޓު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ފަރުމަސްވެރިކަމަށް އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ލިބުމުގެ ޕްރޮގްރާމެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ހަމައެކަނި އާރްއެސްޑަބްލިއު ސިސްޓަމެއް އެޅި ނަމަވެސް ކޮލިޓީ މަސް ނުލިބޭނެ ކަމަށެވެ. އެގޮތުން 30 ޓަނުގެ މަސް އެޅޭ ދޯންޏަކަށް 40 ޓަނުގެ މަސް އެޅުމުން ކޮލިޓީ ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިކަމަށް މަސްވެރިން ވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.