މޯބައިލް ފޯނުތަކާއި ކޮމްޕިއުޓަރުތަކުގަިއވާ މައުލޫމާތުތައް ދަމައިގަންނަ ނުރައްކާތެރި ކޮމްޕިއުޓަރު ވައިރަހެއް މެދުއިރުމަތީގެ ގައުމުތަކުގައި ފެތުރެމުން އެބަދެ އެވެ.

ރަޝިޔާގެ ސެކިއުރިޓީ ފާމް ކެސްޕާސްކީގެ ރިސާޗަ ރޮއެލް ޝުއެމްބާގްއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނީ އެ ވައިރަސް އެންމެ ބޮޑަށް ފެތުރެމުން ދަނީ އީރާނުގައި ކަމަށާއި އެހެންވީމާ އެއީ އިސްރާއީލުން އުފައްދައިގެން އުޅޭ ވައިރަހެއް ކަމަށް އީރާނުން ތުހުމަތު ކުރާ ކަމަށެވެ.

"ފްލޭމް"ގެ ނަން ދީފައިވާ ވައިރަހަކީ އޭގެ ސައިޒާއި އެއިން ކުރިމަތިކުރުވާނެ މައްސަލަތައް އަންދާޒާކުރަން ވެސް ދަތި ވައިރަހެއް ކަމަށް ކެސްޕާސްކީން ބުންޏެވެ.

ފްލޭމް ވައިރަސް އިން ކުރާ ކަންތައްތަކުގެ ތެރޭގައި ކޮމްޕިއުޓަރުތަކުގެ އޯޑިއޯ ސިސްޓަމް ހުޅުވުން ހިމެނެ އެވެ. އެގޮތުން އެކޮމްޕިއުޓަރުން ކުރާ ސްކައިޕް ކޯލްތަކާއި އޮފީސް ޗެޓަރު ފަދަ ޕްރޮގްރާމްތަކުގެ އަޑު ވައިރަސް ފޮނުވި ފަރާތަށް އެހެއެވެ. އަދި ކޮމްޕިއުޓަރުން ހުޅުވާފައި ހުންނަ ޕޭޖްތަކުގެ ސްކްރީން ޝޮޓް ނަގުމުގެ ގާބިލުކަން ވެސް އެ ވައިރަހަށް ލިބިގެން ވެ އެވެ. އޭގެ އިތުރުން ބްލޫޓޫތް ހުންނަ ފޯނުތަކުގައިވާ މައުލޫމާތު ވެސް އެވައިރަސް ބޭނުން ކޮށްގެން ހޯދެ އެވެ.

ޝުއެމްބާގް ބުނެފައިވާ ގޮތުގައި ފްލޭމް ވައިރަސް އުފެއްދުމުގެ ފަހަތުގައި ވަނީ 2010 ވަނަ އަހަރު އީރާނުގެ ނިއުކްލިއާ ސެންޓްރިފިއުޖްތަކަށް ހަމަލާދިން ސްޓަކްސް ނެޓް ވައިރަސް ވެސް އުފެއްދި މީހުން ކަމަށް ބެލެވެ އެވެ. ސްޓަކްސްނެޓް ވައިރަސް އަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ އިން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ފްލޭމް ވައިރަސް އިން އީރާނު ސަރުކާރުގެ އެއްވެސް މައުލޫމާތެެއް ގެއްލިފައިވާ ކަމަކަށް ނުވަތަ ނޫން ކަމަކަށް އީރާނު ސަރުކާރަކުން ނުބުނެ އެވެ. ނަމަވެސް ބުނީ އެ ވައިރަސް އިން ސަލާމަތްވާނެ އެންޓިވައިރަސް ސިސްޓަމެއް އުފައްދާފައިވާ ކަމަށެވެ.