ބެންކޮކް (މޭ 30): ތައިލެންޑަށް ކުރައްވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ބެންކޮކަށް ވަޑައިގެންފި އެވެ.

ބެންކޮކްގެ ސުވަނަބްހުމީ އެއަޕޯޓުން ރާޖަޕަކްސައަށް މަރްޙަބާ ދެންނެވީ ތައި ބޮޑުވަޒީރުގެ ނައިބު ޔޮންގްޔޫތް ވިޗައިދިތް އެވެ. ރާޖަޕަކްސަގެ މިދަތުރުފުޅަކީ ތައި ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާގެ ދަޢްވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ޝިނަވަޓްރާއާ ބައްދަލުކުރެއްވުމުގެ އިތުރުން ތައި ޝާހީ ޢާއިލާގެ ނުފޫޒު ގަދަ އަންހެން ޝަޚްސިއްޔަތެއް ކަމަށްވާ އަމީރާ މަހާ ޗަކްރީ ސިރިންދޯން އާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަމީރާ މަހާ ޗަކްރީ އަކީ ތައި ރަސްގެފާނުގެ ދަރިކަނބަލުންނެވެ.

މިދަތުރުފުޅުގައި ދެ ޤައުމުގެ އިޤްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާއި ސްރީލަންކާގެ ޓެކްސްޓައިލް އިންޑަސްޓްރީ އިތުރަށް ހަރުދަނާކުރުމުގައި ތައިލެންޑްގެ އެހީތެރިކަމާއި ތަޖްރިބާ ހޯއްދުމަށް ރާޖަޕަކްސަ މަސައްކަތްކުރައްވާނެ އެވެ. އަދި ސިނާއަތު ކުރިއެރުވުމާ ބެހޭ ގޮތުންނާއި ޓެކްނޮލޮޖީގެ ބައެއް ދާއިރާތަކުގައި އެއްޤައުމު އަނެއް ޤައުމަަށް އެހީތެރިވުމުގެ އެއްބަސްވުންތަކެއްގައި ވެސް ދެ ޤައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެ އެވެ.

މީގެތެރޭގައި ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ސިނާއަތާއި އިންފްރާސްޓްރަކްޗަރގެ ދާއިރާތަކުން ތައިލެންޑްގެ އިންވެސްޓްމަންޓްތައް ސްރީލަންކާ އަށް ގެންދިޔުމާ ބެހޭ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. ރާޖަޕަކްސަ އާއި ތައި ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓެރާގެ ރަސްމީ މަޝްވަރާތަކުގައި ދެ ޤައުމުގެ ގުޅުންތަކުގެ އިތުރުން ދެކުނު އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާގެ މައްސަލަތައް ވެސް ޝާމިލްވާނެ ކަމަށް ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެ އެވެ. (މިރަރ +މީޑިޔާ ރިޕޯޓްތައް)