ދިމިޝްޤު (މޭ 30): ހުޅަނގުގެ ޤައުމުތަކުގައި ތިއްބަވާ ސޫރިޔާގެ ސަފީރުންނާއި އިސްޑިޕްލޮމޭޓުން ބޭރުކުރުމަށް ނިންމިކަން އޭގެތެރެ އިން ބައެއްޤައުމުތަކުން ހާމަކޮށްފި އެވެ.

ޔޫރަޕްގެ ފަސް ޤައުމެއް ކަމަށްވާ ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ސްޕޭން، އިޓަލީ އަދި ޖަރުމަނުން އިއްޔެ ބުނި ގޮތުގައި އެ ޤައުމުތަކުގައި ތިއްބަވާ ސޫރިޔާގެ ސަފީރުންނާއި އިސް ޑިޕްލޮމޭޓުން ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޭރުކުރުމަށް ނިންމާނެ ކަމަށެވެ. ޔޫރަޕްގެ ބައެއް ޤައުމުތަކުން މިގޮތަށް ނިންމި އިރު އެމެރިކާ އާއި އޮސްޓްރޭލިޔާ އިން މިހާރު ވަނީ އެ ދެ ޤައުމުގައި ތިއްބަވާ ސޫރިޔާގެ އިސްޑިޕްލޮމޭޓުންނާއި ޝާޒްޑިިއެފެއާޒުން ބޭރުކޮށް އަނބުރައި ސޫރިޔާއަށް ފޮނުވާލާފަ އެވެ.

އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ބޮބްކާރު ވިދާޅުވީ މިއީ މިދިޔަ ހުކުރު ދުވަހު ސޫރިޔާގެ ޙަވްލާގައި ހިންގާފައިވާ ޤަތްލު އާންމާ ދެކޮޅުހެދުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުގަ އެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވިދާޅުވީ ލަންޑަންގައި ހުންނަވާ ސޫރިޔާގެ ޝާޒްޑިިއެފެއާރު އާއި ދެޑިޕްލޮމޭޓަކު 7 ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން ބޭރުވުމަށް އަންގާފައިވާ ކަމަށާއި މިއީ ޙަވްލާގެ ޤަތްލުއާންމުގެ ފަހަތުގައި ސޫރިޔާ ސަރުކާރުވާކަމަށް ޝައްކުކުރެވޭތީ އެޅިފިޔަވަޅެއް ކަމުގަ އެވެ.

ޖަރުމަނުގެ ޚާރިޖިއްޔާ އިން ބުނީ ބަރލިންގައި ހުންނަވާ ސޫރިޔާގެ ސަފީރު އެވުޒާރާއަށް ޙާޒިރުކޮށް ހަވްލާގެ ޤަތްލު އާންމަކީ ސޫރިޔާ ސަރުކާރުގެ ކަމެއްކަމަށް ތުހުމަތުކޮށް އެކަމާ ދެކޮޅުހެދުމުގެ ގޮތުން ޤައުމުން ބޭރުވުމަށް އޭނާ އަށް މުހުލަތެއް ދީފަ އެވެ. ކެނެޑާއިންވެސް ވަނީ އޮޓަވާގައި ތިއްބަވާ ސޫރިޔާގެ ތިން ޑިޕްލޮމޭޓުން ވަރަށް އަވަހަށް ބޭރުކުރާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ސޫރިޔާގެ ރަށެއް ކަމަށްވާ ހަވްލާގައި ގޮތްނޭނގޭ ބަޔަކު ވަނީ ކަތިވަޅިންނާއި ކޯރާޑީ ފަދަ ތަކެތިން ޙަމަލާދީ އާންމުންގެ 108 މީހަކު ވަރަށް އަނިޔާވެރި އަދި ރަޙުމް ކުޑަގޮތަކަށް މަރާލާފަ އެވެ. މި 108 މީހުންގެ ތެރޭގައި 32 ކުޑަކުދިންނާއި ގިނަ ޢަދަދެއްގެ އަންހެނުން ހިމެނޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. އދ. އިން ވަނީ އެ މައްސަލަ ތަހްޤީޤް ކުރުމުގައި އެއްބާރުލުން ދިނުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާފަ އެވެ.
ހުޅަނގުގެ ޤައުމުތަކުންނާއި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން މި ޤަތްލުއާންމުގެ ޒިންމާ އަޅުވަނީ ސޫރިޔާގެ ސަރުކާރުގެ ބޮލުގަ އެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިއީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް ޓަކައި އެ ޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ބަޔަކު ހިންގި ފިނޑި އަމަލެއްކަމުގަ އެވެ. ރަޝިޔާއިން ވެސް ވަނީ މިޤަތްލުއާންމުގެ ޒިންމާ ސޫރިޔާ ސަރުކާރެކޭ އެއްގޮތަށް އިދިކޮޅު ހަނގުރާމަވެރިން ވެސް އުފުލަން ޖެހޭ ކަމަށް ބުނެފަ އެވެ. ސޫރިޔާ ސަރުކާރުން ވަނީ ހުޅަނގުގެ ޤައުމުތަކުގައި ތިއްބަވާ އެޤައުމުގެ ސަފީރުންނާއި އިސްޑިޕްލޮމޭޓުން ބޭރުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށްފަ އެވެ.

ސޫރިޔާގެ ޚާރިޖިއްޔާ އިން ބުނީ އެމެރިކާ އިން ޢިރާޤާއި އަފްޣާނިސްތާނުގައި އަދި އިސްރާއީލުން ފަލަސްތީނުގައި އެތައް ޤަތްލުއާންމެއް ހިންގައި ލައްކައިން މީހުން މަރާފައިވާ އިރު އިންސާނީ ޙައްޤުތަކުގެ ނަމުގައި ވަކާލާތުކުރާ ހުޅަނގުގެ ޤައުމުތަކަށް އެ މަންޒަރުތައް ފެނިފައިނުވާ ކަމީ ހުޅަނގުން އިންސާނީ ހަޢްޤުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އުޅޭކަން ހާމަވާކަމެއް ކަމުގަ އެވެ. (އަލްޖަޒީރާ)