30 May 2012, 09:44
އުސް ފަސްގަނޑު މައްސަލައިގައި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެތަން ވަކިފަރާތަކާ ހަވާލުކުރަން އެ ކޯޓުން އަންގަން ދެން އުސް ފަސްގަނޑު އޮންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ރޭ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުމާއެކު އުސްފަސްގަނޑު ރޫޅާލުމަށް ފުލުހުން ކުރަމުންގެންދިޔަ މަސައްކަތް ވަގުތުން ހުއްޓާލާފައިވާ ކަމަށާއި ވަގުތީ އަމުރު ފުލުހުންނަށް ލިބުނު އިރު އެތާގެ ބޮޑުބައެއް ރޫޅާ ނިމިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އުސް ފަސްގަނޑުގެ ބައެއް ތަންތަނާއި ތަކެތި ރޫޅާލުމަށްފަހު އެތާނގެ ބައެއް ތަކެއްޗާއި އާލާތްތައް އެ ސަރަހައްދުގައި ބަހައްޓާފައިވާ ކަމަށެވެ. އަދި އެތަނުގައި ހިންގާފައިވާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަމުންދާތީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެތަން ބަންދުކޮށްފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ. އެހެންކަމުން އެތަން ވަކިފަރާތަކާ ހަވާލުކުރުމަށް ކޯޓުން އަންގަންދެން އުސް ފަސްގަނޑުގެ ތެރެއަށް އެއްވެސް ބަޔަނު ނުވަނުމަށް ފުލުހުން ވަނީ އަންގާފަ އެވެ.
"... އެސަރަހައްދަށް [އުސް ފަސްގަނޑު ސަރަހައްދަށް] މީހުން އެއްވެ ހިންގާފައިވާ ޖިނާއީ ކުށުގެ އަމަލުތައް މި ސާވިސްއިން ތަހްގީގުކުރަމުންދާތީ، ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެސަރަހައްދު ބަންދުކޮށްފައިވާ ކަމަށާއި، މި މައްސަލައާއި ގުޅިގެން އެތަން ވަކި ފަރާތަކާ ހަވާލުކުރުމަށް ކޯޓުން އަންގަންދެން، އެއްވެސް ފަރާތަކުން އު ސްފަސްގަނޑު ސަރަހައްދުގެ ތެރެއަށް ނުވަނުމަށާއި އެސަރަހައްދަކީ މިސާވިސްގެ ބެލުމުގެ ދަށުން ބަންދުކުރެވިފައިވާ ސަރަހައްދެއްކަމުގައި ދެންނެވީމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އުސް ފަސްގަނޑަށް އެރީ އެތާގައި ސިހުރު ހާހޫރަ ހެދުމުގެ އަމަލުތަކާއި އަދި އެނޫންވެސް ތަފާތު ކުށުގެ އަމަލުތަކެއް ތަކުރާރުކޮށް ހިންގަމުންދާތީ، އެތާގައި ހިންގާފައިވާ ޖިނާއީ ކުށްތަކާގުޅޭ ހެކި ހޯދުމަށް ކަމަށެވެ. އަދި އެތަން ބަލާ ފާސްކުރި އިރު ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގާފައިވާކަމަށް ބެލެވޭ ހެކިތަކެއް ފެނިފައިވާ ކަމަށެވެ.