ޣައްޒާ (23 ޖަނަވަރީ 2024): ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމަށް ޓަކައި ޣައްޒާއަށް އަރައިގަނެގެން އުޅޭ ޔަހޫދީ ސިފައިންގެ ތެރޭގައި ހިމެނޭ 24 މީހަކު ފަލަސްތީނު މުޖާހިދުންގެ ހަމަލާތަކުގައި އިއްޔެ މަރުވެފައިވާ ކަމަށް ޔަހޫދީ އިސްރާއީލުން އެއްބަސްވެއްޖެއެވެ.

އިސްރާއީލު ސިފައިންގެ ތަރުޖަމާނު ދެނިޔަލް ހަގާރީ ބުނީ ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނު ހަނގުރާމަވެރިންގެ ހަމަލާތައް ވަރަށް ނުރައްކާ ކަމަށާއި ހަނގުރާމަވެރިންގެ ހަމަލާތަކުގައި އިއްޔެ އިސްރާއީލު ސިފައިންގެ އާދައިގެ މީހުންނާއި އޮފްސަރުން ހިމެނޭގޮތަށް 24 މީހަކު މަރާލާފައިވާ ކަމުގައެވެ.

ހަގާރީވަނީ މުޖާހިދުންގެ ހަމަލާތަކުގައި އިއްޔެ އިސްރާއީލު ސފައިންގެ 40އަށް ވުރެގިނަ މީހުން ޒަޚަމްވެފައިވާކަމަށްވެސް އެއްބަސްވެފައެވެ. ޔަހޫދީ ހަރުކަށި ބޮޑުވަޒީރު ބުނިގޮތުގައި އިއްޔެއަކީ އިސްރާއީލަށް ވަރަށް ހިތްދަތި ވޭންދެނިވި އަދި ކަޅު ދުވަހެކެވެ.

ޔަހޫދީ ސިފައިން ގެ ސަންދޯކެއް ގެންދަނީ

ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ޔަހޫދީ އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ބުނިގޮތުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި މުޖާހިދުންގެ އެކި ގުރޫޕްތަކުންވަނީ ޔަހޫދީ ސިފައިންނަށް ވަރަށް ގާތުން ވަރުގަދަ ހަމަލާތަކެއްދީ އެމީހުންގެ އެތައް ބަޔަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލައި އިސްރާއީލުގެ ގިނަ އަދަދެއްގެ އަސްކަރީ އާލާތްތައްވެސް ހަލާކުކޮށްލާފައެވެ.

ހަމާސް އިން މިހެން ބުނިނަމަވެސް އިއްޔެ އިސްރާއީލުން މިކަމަށް އިއުތިރާފު ވެފައެއް ނުވެއެވެ. ނަމަވެސް މިއަދުވަނީ ފާއިތުވި 24 ގަޑީއިރު ތެރޭގައި އިސްރާއީލުގެ ސިފައިންނާއި އޮފިސަރުން ހިމެނޭގޮތަށް ޣައްޒާގައި 24 މީހަކު މަރުވެ 40 އަށް ވުރެގިނަމީހުން ޒަޚަމްވިކަމަށް އެއްބަސްވެފައެވެ.

އަލްޖަޒީރާގެ އަސްކަރީ މުހައްލިލު ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވިގޮތުގައި އިސްރާއީލުން 24 މީހަކު މަރުވިކަމަށް އެއްބަސްވާނީ 100 އަށް ވުރެގިނަމީހުން މަރުވެގެންނެވެ.

ހަމާސް އިން އަސީރުކޮށްފައިވާ އިސްރާއީލު ސިފައިން މިނިވަންކުރުމަށް ހަމާސްއިން ހުށަހަޅާފައިވާ ޝަރުތަކީ އިސްރާއީލުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްތީނުގެ ހުރިހާ އަސީރުން މިނިވަން ކުރުމެވެ. ނަމަވެސް އިސްރާއީލުގެ ހަރުކަށިވެރިންވަނީ މިޝަރުތު ގަބޫލުނުކޮށް ބޮޑާކަމާއި ތަކައްބުރުކަން ކުރިޔަށްނެރެ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ޣައްޒާގެ އާންމުންނާ ދެކޮޅަށް ހަނގުރާމަ ފަށާފައެވެ.

މިހަނގުރާމައިގާ އިސްރާއީލުންވަނީ މިހާތަނަށް ފަލަސްތީނުގެ 25 ހާހަށް ވުރެގިނަ އާންމުން ޝަހީދުކޮށް ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި އާންމުންގެ ގެދޮރާއި ފެނާއި ކަރަންޓް ވިޔުގަ ތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށް މުޅި ޣައްޒާ ފުނޑާލާފައެވެ. ނަމަވެސް ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގައާއި ހަމާސްގެ މުޖާހިދުން ބަލިކޮށްލުމުގައިވެސް އިސްރާއީލަށް ކުޑަވެސް ކާމިޔާބެއް ނުލިބެއެވެ.

އިސްރާއީލަށް މަޖުބޫރުވެގެން މިދިޔަ އަހަރުގެ ފަހުކޮޅު ހަމާސްގެ ޝަރުތުތަކަށް އެއްބަސްވެ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންގެ 380އަށް ވުރެ ގިނަ މީހުންވަނީ މިނިވަންކޮށްފައެވެ. އޭގެބަދަލުގައި ހަމާސްއިންވެސް އިސްރާއީލުގެ އަސީރުންގެ 60 ވަރަކަށް މީހުން މިނިވަންކުރިއެވެ.

ނަމަވެސް ފަހުން އިސްރާއީލުވަނީ ބާރުގެ ބޭނުންކޮށްގެން ބާކީ ތިބި އަސީރުން މިނިވަން ކުރެވިދާނެކަމުގެ އުންމީދުގައި ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާފައެވެ. ހަނގުރާމަ އަލުން ފެށުމަށްފަހުވެސް ހަމާސްގެ އަތްދަށުން އެންމެ އަސީރަކު މިނިވަން ކުރުމުގައިވެސް އިސްރާއީލުވަނީ ނާކާމިޔާބުވެފައެވެ.

މިހާރުވެސް ހަމާސްގެ އަތްދަށުގައި އިސްރާއީލުގެ 130 ސިފައިން އަސީރުންގެ ގޮތުގައި އެބަތިއްބެވެ. އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކޮށް ޣައްޒާއާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމުން އިސްރާއީލުގެ އަސީރުން މިނިވަންކުރާނެކަމަށް ހަމާސް އިން ބުނެއެވެ.

ނަމަވެސް އިސްރާއީލު ގެންދަނީ ބޮޑާކަމާއި ކިބުރުވެރިކަން ކުރިޔަށްނެރެ ބާރުގެ ބޭނުންކޮށްގެން އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް ޓަކައި ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައިގެން އަސީރުން މިނިވަންކުރުމަށް ހަމާސްއަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މިހަނގުރާމައިގާ ހަމާސްގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ނުލިބޭތީ އިސްރާއީލުގެ އަމާޒަކަށް ވެފައިވަނީ ޣައްޒާގެ އާންމުން ގިނަ އަދަދަކަށް މެރުމެވެ.

ހަމާސްގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ނުހޯދި އިސްރާއީލު ސިފައިން ގިނަ އަދަދަކަށް މަރުވަމުންދާތީ އިސްރާއީލުގެ އެތެރޭގައިވަނީ ބޮޑެތި ކޯޅުންތަކެއް އުފެދިފައެވެ. މިހަނގުރާމައިގާ މުޖާހިދުންގެ އަތްދަށުން އިސްރާއީލުގެ 560 އަށް ވުރެ ގިނަ ސިފައިންނާއި އޮފްސަރުން ވަނީ މަރުވެފައެވެ.