30 May 2012, 09:34
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު އެމްޑީޕީގެ ސަޕޯޓަރުން އެއް ގޮތެއްގައި ބައިތިއްބުމަށް ކުރި އެއްކަމަކީ ރާޅުގަނޑު ސަރަހައްދުގައި ޓެންޓުތަކެއް ހަދައިގެން އެތަނުގައި އެމްޑީޕީގެ އެކްޓިވިސްޓުން ސިޔާސީ ހަރަކާތްތަކެއް ފެށުމެވެ. ނަމަވެސް މާޗް 19 ވަނަ ދުވަހު ފުލުހުންނާއި ސިފައިންވަނީ އެ ސަރަހައްދަށް ވަދެގެނަ ކޭމްޕުތައް ރޫޅާލި އެވެ.
ކޭމްޕްތައް ރޫޅާލުމުން ހާވިއާވި އެމްޑީޕީގެ އެކުޓިވިސްޓުންތައް ތަރުތީބުކޮށް އެއްތަނަކަށް އެއްވީ މާލޭ ސިޓީކައުންސިލުން އެ ޕާޓީއަށް އުސްފަސްގަނޑު ދިން ހިސާބުން ފެށިގެންނެވެ. ސިޓީ ކައުން ސިލުން އެބިން ސިޔާސީ ހަރަކާތްތައް ހިންގަން ދޫކޮށްލީ ތިން މަސް ދުވަހަށެވެ. އެބިން އެމްޑީޕީއަށް ސިޓީ ކައުންސިލުން ދޫކޮށްލުމާއެކު އެމްޑީޕީން ވަނީ އެބިން ސިޔާސީ ހަރަަކާތަކަށްވުރެ ބޮޑަށް ސިޔާސީ ޕާކެއްގެ ގޮތުގައި ތަރައްގީކޮށްފަ އެވެ. އެތަނުގައި އުނދޯލި އެލުވާ ބެންޗުތައް ހަދައި ސްޓޭޖް ރާނައި އަދި ކާޅާއި މުސަޅު ކޮށިތައް ބަހައްޓައި އެނޫން ވެސް "ކުޅިވަރު"ތައް ދައްކަން ފަށާފަ އެވެ.
ސިޓީ ކައުންސިލުން އުސް ފަސްގަނޑު އެމްޑީޕީއަށް ގިނަ ދުވަހުގެ ސިޔާސީ ހަރަކާތަށް ދިނުމާއެކު އެކަން އެގޮތަށް ނުކުރުމަށާއި އެތަން އެމްޑީޕީއަށް ދިން ދިނުން ބާތިލްކުރުމަށް އެދުނު ނަމަވެސް އެކަން ސިޓީ ކައުންސިލުން ނުކުރުމުން މައްސަލަ ހޫނުވެގެން ދިޔަ އެވެ.
އުސް ފަސްގަނޑު މައި ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލިހުން ނިންމުމާއި ގުޅިގެން ހައުސިން މިނިސްޓްރީއާ ސީޓި ކައުންސިލާ ދެމެދު ޖެހުނު މައްސަލަ ހައްލު ނުވުމުގެ ސަބަބުން އެކަން ހައްލު ކޮށްދިނުމަށް ހޯމް މިނިސްޓްރީގައި އެދުމުން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އުސް ފަސްގަނޑު ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައީ ރޭގަ އެވެ.
އުސް ފަސްގަނޑުގެ މައްސަލައިގައި އިއްޔެއާ ރޭ ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު ވެސް ފުލުހުން ބުނެފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން އެ ބިން އަދިވެސް އޮތީ ފުލުހުންގެ ބާރުގެ ދަށުގައި ކަމަށެވެ. އެބިން ހަވާލު ކުރާނެ ބަޔަކު ކޯޓުން ނުނިންމަނީސް އެއްވެސް ބަޔަކަށް އުސްފަސްގަނޑު ބޭނުން ނުކުރެވޭނެ ކަމަށެވެ.
ފުލުހުން ބުނަނީ އުސްފަސްގަނޑުގެ ބައެއް ތަންތަނާއި ތަކެތި ރޫޅާލުމަށްފަހު އެތާގެ ބައެއްތަކެއްޗާއި އާލާތްތައް އެ ސަރަހައްދުގައި ބަހައްޓާފައިވާ ކަމަށެވެ. އަދި އެތަނުގައި ހިންގާފައިވާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަމުންދާތީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެތަން ބަންދު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެތަން ވަކިފަރާތަކާ ހަވާލުކުރުމަށް ކޯޓުން އަންގަންދެން އުސްފަސްގަނޑުގެ ތެރެއަށް އެއްވެސް ބަޔަނު ނުވަނުމަށެވެ.
ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު ރޭ ދިޓިވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި އުސްފަސްގަނޑު ފުލުހުން ބަލައި ފާސްކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި އަދި ފުލުހުންގެ ބާރުގެ ދަށަށް އުސްފަސްގަނޑުގެންދިޔައީ އެތަނުގައި ޖިނާއީ އަމަލު ހިންގަން ކޮށްފައިވާ ބައެއް ހެކިތައް ލިބިގެން ކަމަށާއި އެކަށީގެންވާ ހެކިތަކެއް އެ ސަރަހައްދަކުން ފެނިއްޖެނަމަ ކޯޓު އަމުރަކާނުލައި ވެސް އެސަރަހައްދެއް ނުވަތަ ތަނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިދާނެ ކަމަށެވެ.
"އެމްޑީޕީން ހިންގާ ސިޔާސީ ހަރަކާތް ތަކުގައި އެބަހުރި ޖިނާއީ ކުށްކުރާ ތަން ފެނިފައި. އެމްޑީޕީން ހިންގާ ކަންތަށްތަކުގައި ގައިރުގާނޫނީ ކަންކަން ކުރުމަކީ ދިގު ތާރީހެއް އޮތްކަމެއް. އަދި އުސް ފަސްގަނޑު ގައި ވެސް އެމްޑީޕީން ދިޔައީ ޖީނާއި އަމަލުތަކަށް ތުހުމަތުކުރެވޭ ކަންކަން ކުރަމުން،" ޖަމީލު ވިދާޅުވި އެވެ.
އުސް ފަސްގަނޑުގައި މިދިޔަ ދުވަސްތަކުގައި ހިނގާދިޔަ ސިޔާސީ ހަރަކާތްތަކަށް ފަހު ކުރިމިނަލް ކޯޓުގެ އަމުރަކާއި އެކު ފުލުހުން އުސް ފަސްގަނޑަށް ވަނީ އެތަނުގައި ޖިނާއީ އެއްވެސް ކުށެއް ކުރުމަށް މަގުފަހިކުރުވާ ފަދަ އެއްވެސް ކަމެއް ހިނގާތޯ ބަލަން ފާސް ކުރާށެވެ. އަދި ހެކީގެ ގޮތުގައި ހުރީ ދަގަނޑު ބުރިތަކެއް ފުލުހުން ނެގި އެވެ. އަދި އެތަނުގައި ހުރި ކޮންޓެއިނަރުތަކުގެ ފުރަގަހުގައި ހުރި މަގޫ ގަސްތަކެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ފޮއިލްތަކަކާއި ފިލްޓަރުތަކެއް ފުލުހުން ގެންދިޔައިރު އެއް ކޮންޓެއިނަރެއްގެ ތެރެއިން ކޮންޑަމް ފޮއްޓަކާއި ވަޅިއާއި ކަތުރުތަކެއް ފުލުހުން ނެގި އެވެ.
އެތަކެތި ފެނުމާއި ގުޅިގެން އުަސް ފަސްގަނޑު ރޫލާލާނެ ކަމަށް ބުނެ ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އުސް ފަސްގަނޑާއި އެސަރަހައްދާއި އިންވެގެންވާ ސަރަހައްދުގައި ހިނގާކަމަށް ތުހުމަތުކުރެވޭ ޖިނާއީ ކުށްތަކާއި ގުޅޭ ހެކި ހޯދުމަށް ކޯޓް އަމުރެއްގެ ދަށުން އެސަރަހައްދު ބަލާ ފާސްކުރުމުން ޖިނާއީ ކުށުގެ އަމަލުތަކެއް އެ ސަރަހައްދުގައި ހިނގާފައިވާ ކަމަށް ބެލެވޭ ހެކިތަކެއް ފެނިފައިވާތީ އާއި، ވަކި ބަޔަކު ޖަމާވެގެން ތިބެ ހިންގަމުންދާ ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވައި އެ ސަރަހައްދަކީ ކުށުގެ ބިރުވެރިކަމުން ސަލާމަތްވެގެންވާ ޤާނޫނުގެ ބާރު ހިނގާ އެންމެހާ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އުސް ފަސްގަނޑު ގައި ގާއިމްކޮށްފައިވާ ތަންތަން ރޫޅާލުމަށްފަހު ގާނޫނީ ބެލެނިވެރިކަން އޮތް ފަރާތާއި އެސަރަހައްދު ހަވާލުކުރާނެ ކަމަށެވެ.
އުސް ފަސްގަނޑުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ގެންދިއުމަށް ދީފައިވާ މުހުލަތު ހަމަވުމާއެކު ސިފައިން އުސްފަސްގަނޑު ރޫލާޅާ ނިންމަން ކައިރި ވެފައި ވަނިކޮށް އުސް ފަސްގަޑާ ގުޅޭ ގޮތުން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އުސްފަސްގަނޑު ރޫޅާ ނުލުމަށް ސިވިލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
ސިވިލްކޯޓުގެ ގާޒީ ހާތިފް ހިލްމީ ސޮއިކުރައްވާ ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ އުސް ފަސްގަނޑު މައްސަލައިގައި އެމްޑީޕީން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމުމުގެ ކުރިން އުސް ފަސްގަނޑު ރޫޅާލައިފި ނަމަ އެމްޑީޕީގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް އެޕާޓީއަށް ލިބިދާނެކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އުސް ފަސްގަނޑު ރޫޅާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނަށާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރު ކުރާކަމަށް ވެސް އެ އަމުރުގައި ވެއެވެ. އަދި މީގެ އިތުރުން އެމްޑީޕީން ކޮށްފައިވާ ދައުވާގެ މަގުސަދު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި ފުލުހުން އުސް ފަސްގަނޑަށް އަރައި އެތަން ރޫޅާލަން މަސައްކަތްކުރަނީ އެމްޑީޕީގެ ހަރަކާތްތައް ހުއްޓުވާލަން ހިންގާ އަމަލެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން ހިންގާ ހަރާކާތްތަކަށް ހުއްޓުވައި ޖެއްސުމުގެ އަމަލުތައް ފުލުހުން ހިންގަ އެވެ.
"ސިޔާސީ ހަރަކާތްތައް ހިނގަމުން ގެންދާ ގެންދިއުމަށް ފުލުހުން ހުރަސްއަޅަނީ މިގައުމުގައި ސިޔާސީ ހަރަކާތް ހިންގިޔަ ނުދޭން. އަދި އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސް އެޅުމަށް،" އިންތި ވިދާޅުވި އެވެ.
އުސްފަސްގަނޑު ރޫޅައިލުމަށް ފުލުހުން ކުރަމުން ދިޔަ މަސައްކަތަށް ބަލާއިރު ކޯޓުއަމުރުގެ ދަށުން ފުލުހުން އެތަން ބަލައި ފާސްކުރުމަށް ފަހު ފުލުހުންނަށް ލިބިދޭ ބާރު ބޭނުން ނޫންކޮށްގެން އެތަން ރޫޅާލުމަށް މަސައްކަތް ކުރަނިކޮށް ސިވިލް ކޯޓްއަމުރެއްގެ ދަށުން އެތަން ނުރޫޅޭނެ ކަމަށް އެންގުމުގައި އެކު މަސައްކަތް ފުލުހުންނާއި ސިފައިން ހުއްޓާލުމަކީ އެއީ މިފަދަ ކަންކަމުގައި ފުލުހުންގެ އަދި ސިފައިންގެ ފަރާތުން އަމަލު ކުރުމުގައި ފެންނަ ރަނގަޅު ނިޝާނެއް ކަމަށް ބެލެވި ދާނެ ކަމެކެވެ.
ނަމަވެސް އުސްފަސްގަނޑުގެ މައްސަލާގައި ދެންކަންކަން ނިމިގެންދާނީ ކޯޓްތަކުން ނިންމާގޮތެއްގެ މައްޗަށެވެ. އެމައްސަލަ ދިގުދެމިގެން ދިއުމަކީވެސް އެކަށީގެންވާ ކަމަށެވެ.