އުސްފަސްގަޑާ ގުޅޭގޮތުން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އުސްފަސްގަނޑު ރޫޅާ ނުލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން މިރޭ 10:40 ގައި އެ އަމުރު ނެރުނު އިރު ފުލުހުންނާއި ސިފައިން ވަނީ އުސްފަސްގަނޑުގެ ބޮޑު ބައެއް ރޫޅާލާފަ އެވެ.

ސިވިލްކޯޓުގެ ގާޒީ ހާތިފް ހިލްމީ ސޮއިކުރައްވާ މިރޭ ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ އުސްފަސްގަނޑު މައްސަލައިގައި އެމްޑީޕީން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމުމުގެ ކުރިން އުސްފަސްގަނޑު ރޫޅާލައިފި ނަމަ އެމްޑީޕީގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް އެޕާޓީއަށް ލިބިދާނެކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އުސްފަސްގަނޑު ރޫޅާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނަށާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކުރާކަމަށް ވެސް އެ އަމުރުގައި ވެއެވެ. އަދި މީގެ އިތުރުން އެމްޑީޕީން ކޮށްފައިވާ ދައުވާގެ މަގުސަދު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

"ދެންފަހެ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ސިޓީ ތަންފީޒުކުރުން ފަސްކުރުމަށާއި، މި މައްސަލައިގެ ދައުވާގެ މަގުސަދު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި މިކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސިވިލް ކޯޓުގެ އަމުރުގައި ވެއެވެ.

އެމްޑީޕީން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދީ މިރޭ 10:00 ޖެހުމުގެ ކުރިން އުސްފަސްގަނޑު ގައިވާ އެމްޑީޕީގެ ތަކެތި ގެންދިޔުމަށާއި އަދި އެތަކެތި އެ ގަޑިއާ ހަމަޔަށް ނުގެންގޮސްފިނަމަ އެތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އެ ސަރަހައްދު ގާނޫނީ ބަލަދުވެރި ފަރާތާއި ހަވާލުކުރާނެ ކަމަށް ބުނެ ފުލުހުން މިއަދު އެމްޑީޕީއަށް ސިޓީއެއް ފޮނުވުމުން އެގޮތަށް ސިޓީ އަކުން ނޭންގޭނޭ ކަމަށް ކަޑައަޅައި ދިނުމަށްކަމަށްބުނެ އެވެ.

ފުލުހުން އުސްފަސްގަނޑަށް އަރައި އެތަނުން ބައެއް ތަކެތި ގެންދިޔައީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަންތަނާ ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ. އެ އަމުރު ފުލުހުންނަށް ކޯޓުން ދިނީ އިއްޔެ ހަވީރު 3:00 ޖެހީއިރު އެވެ. އެ އަމުރަކީ ފުލުހުން ފާސްކުރާ ފަށާ ވަގުތުން ފެށިގެން 48 ގަޑިއިރަށް ދޫކޮށްފައިވާ އަމުރެކެވެ. ސިވިލް ކޯޓުގެ އަމުރާ އެކު ފުލުހުން ބުނެފައިވަނީ އެ އަމުރަށް ބޯލަބާނެ ކަމަށެވެ. ނަމަވެސް ސާޗް ވޮރަންޓްގެ ވަގުތު ހަމަވަންދެން ފުލުހުން އެތަނުގައި ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.