އެމްޑީޕީގެ ރައީސް ކަމުން ދުރުކޮށްފައިވާ ޑރ. އިބުރާހިމްދީދީ (ޑީޑީ) އާއި ނައިބު ރައީސް ކަމުން ދުރުކޮށްފައިވާ އަލްހާން ފަހުމީ ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުގެ މަޝްވަރާ މިރޭ އެ ޕާޓީގެ އޮފީހުގައި ކުރިއަށް ގެންދިޔަ ކަމަށް ޖުމުހޫރީޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ ޕާޓީގެ އޮފިޝަލަކު މިރޭ ސަން އޮންލައިނަށް ވިދާޅުވީ ޑރ. ޑީޑީ އާއި އަލްހާނު އެ ޕާޓީއާ ގުޅިވަޑައިގަތުމަށް އެއްބަސް ވަނީ ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސްކަން އެ ދެ ބޭފުޅުންނަށް ލިބޭނެ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދުގެ ފަސް ވަނަ މާއްދާ އަށް ދެ އިސްލާހެއް ހުށައެޅުމަށް ފަހު އެކަމަށް ކައުންސިލުން އެއްބަސްވާ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެދެ ބޭފުޅުން ބޭނުން ވަނީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ފަހު ޕާޓީގައި ލީޑަރަކާއި ހަތަރު ނައިބު ލީޑަރުންގެ ބަދަލުގައި އެއް ނައިބު ރައީސް ހުންވާ ގޮތަށް. އެއީ ލީޑަރަކަށް ޑީޑީ ނާއިބު ލީޑަރަކަށް އަލްހާނު އަންނަން ބޭނުންވާ ގޮތަށް ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ބޭނުންފުޅުވެލައްވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ޑރ. ޑީޑީ އެކަން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ މިރޭ ޖުމްހޫރީ ޕާޓީގެ އޮފީހަށް ވަޑައިނުގަންނަވާ ކަމަށާއި އަދި އެފަދަ ވާހަކައެއް ވެސް ނުދައްކަވާ ކަމަށެވެ. އަލްހާންގެ ފޯން ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ސަން އަށް ވެސް ކޮޕީ ލިބިފައިވާ ޑްރާފްޓް ގަރާރުގައި ބުނަނީ ޖުމުހޫރީ ޕާޓީގެ އަސާސީ ގަވާއިދުގެ 32 ވަނަ މާއްދާގެ 12ގެ ދަށުން ގައުމީ ހިންގާ ކޮމިޓީ އަށް ލިބިފައިވާ ބާރުގެ ދަށުން އަސާސީ ގަވާއިދުގައި ކަނޑައަޅާފައި ނެތް ކަންކަމާ މެދު އަމަލުކުރާނެ ގޮތް ކަނޑައަޅައި ފާސްކުރުން އެއްބަސްވާން ޖެހޭނެ ކަމަށެވެ.

އަދި ބުނެފައި ވަނީ އެކަން ފާސްވެއްޖެ ނަމަ ގަވާއިދަށް ގެންނަ އިސްލާހެއް ކަމަށް ބަލައިގަންނަންވާނެ ކަމަށެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގެ 31 ވަނަ މާއްދާގެ ދޭއްގައި އޮންނަ ޕާޓީގެ ލީޑަރުގެ ހަތަރު ނައިބުންގެ ބަދަލުގައި ތިބޭނީ ޕާޓީގެ ރައީސާއި ނައިބު ރައީސް ކަމަށާއި އަދި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ހަވާލާ ދީފައިވާ އެންމެހާ މަސްއޫލިއްޔަތުތަކާއި އަދި ޒިންމާތައް ޕާޓީގެ އަސާސީ ގަވާއިދުން އުނިވީ ކަމަށާއި ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުތައް އަސާސީ ގަވާއިދުގައި 40 ވަނަ މާއްދާ އަށް އިތުރުކޮށް ނައިބު ރައިސް މަސްއޫލިއްޔަތުތައް އަސާސީ ގަވައިދުގެ 41 މާއްދާ އަށް އިތުރުކޮށް ދެ މާއްދާ އަށް އިތުރުކުރެވޭ ބައިތައް ގަރާރަށް އެޓޭޗް ކުރެވި ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.

ޖުމުހޫރީ ޕާޓިގެ އޮފިޝަލް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރަށް ވާގިދެއްވި ބޭފުޅުންތަކެއް ކުއްލިއަކަށް އިއްތިހާދުގެ ސަރުކާރުގައި ހިމެނޭ ޕާޓީއެއްގެ އިސްފަރާތްތަކަށް ވުމަށް ކުރައްވާ މަސައްކަތްތަކަކީ އެ ބޭފުޅުންނަށް ގަބޫލުކުރެވޭ ވަރުގެ ކަމަކަށް ނުވާ ކަމަށާއި އަދި އެ ޕާޓީގެ ލީޑާޝިޕުގައި އެ ތިން ބޭފުޅުން ހިމެނުމާ މެދު ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން އޮތް ކަމަށެވެ.

އެކަމާގުޅޭ ގޮތުން ޖުމުހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން މުހައްމަދު އިމްތިޔާޒު ފޯން ނިންވާލަފައި އޮތުމުން އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.