23 Jan 2024, 07:29
ޕާކިސްތާނުގެ ޤައުމީ ކްރިކެޓުގެ ކެޕްޓަން ޝުއައިބާއި އިންޑިއާގެ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ ރަސްމީކޮށް ވަރިވެފައިވާކަން ސާނިއާގެ އާއިލާއިން ކަށަވަރުކޮށްދީފިއެވެ.
ސާނިއާއާއި ޝުއައިބްގެ ދިރިއުޅުމުގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރަން ފެށީ މިދިޔަ ހޮނިހިރު ދުވަހު ޝުއައިބު އިތުރު ކައިވެންޏެއް ކުރިކަން އަމިއްލަ ސޯޝަލް މީޑިއާގައި އިއުލާނުކުރުމާ ގުޅިގެންނެވެ.
ޕާކިސްތާނުގެ މަގުބޫލު ބަތަލާ ސަނާ ޖާވިދާ ކައިވެނިކުރިކަން އިއުލާނުކުރިއިރު ޝުއައިބާއި ސާނިއާގެ ކައިވެނީގެ ގުޅުން ހީނަރުވެފައިވާކަމަށް ރިޕޯޓުތަކުން އައީ ބުނަމުންނެވެ. އެހެންނަމަވެސް ދެ މީހުން ރަސްމީކޮށް ވަކިވިކަން ނުވަތަ ވަރިވިކަން ދެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނު ބަތަލާ ސަނާ ޖާވިދު-- ފޮޓޯ/ފޭސްބުކް
ޝުއައިބާއި ސަނާގެ ކައިވެންޏާ ގުޅިގެން ސަނާއަށް އާއްމުންގެ ނުރުހުންތައް އަމާޒުވާން ފެށުމާ އެކު ޓެނިސް ކުޅުންތެރިޔާގެ ސާނިއާގެ ކޮއްކޮ ވަނީ ސްޓޭޓްމެންޓެއް ނެރެފައެވެ.
ސާނިއާގެ ދައްތަ އަނަމް މިރުޒާގެ ސްޓޭޓްމަންޓްގައި ބުނެފައިވަނީ ސާނިއާ އަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އެއްވެސް އިރެއްގައި ހާމަކޮށް އާއްމުކުރަން ބޭނުންނުވާ މީހެއް ކަމަށެވެ. މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ އަމިއްލަ ޒާތީ ދިރިއުޅުން އާއްމުންގެ ލޯތަކަށް ނުދައްކާ އުޅުމަށް ކަމަށާއި ނަމަވެސް މިއަދު އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ސާނިއާގެ ކޮއްކޮ ވަނީ ބުނެފައެވެ.
ޝުއައިބް އަދި ސާނިއާގެ ކައިވެންޏަށް ނިމުން ގެނެސް ދެ މީހުން ވަކިވެފައިވާތާ މަސްތަކެއް ވެފައިވާ ކަމަށާއި އާއްމުންގެ ފަރާތުން ސާނިއާއަށާއި ފަސް އަހަރުގެ ދަރިފުޅަށް ޕްރައިވެސީ ދިނުމަށް އާއިލާއިން ވަނީ އެދިފައެވެ. ހަމައެއާ އެކު ސާނިއާއާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް ވެސް ސާނިއާގެ އާއިލާއިން ވަނީ އެދިފައެވެ. މި ސްޓޭޓް ނިންމާލަމުން މިހާރު ރިޓަޔާކޮށްފައިވާ ކުޅުންތެރިޔާގެ އާއިލާއިން ޝުއައިބުގެ ދިރިއުޅުމުގައި ފެށި އާ ދަތުރަށް އުފާވެރިކަން އެދޭކަމަށް ވެސް ވަނީ ބުނެފައެވެ.

ޢިންޑީއާގެ ޤައުމީ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ-- ފޮޓޯ/އިންޓަނެޓް
އާއިލާއިން ނެރުނު މި ސްޓޭޓްމަންޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ސާނިއާ އަކީ ވަރަށް ހިތްވަރުގަދަ އެހާމެ ހިތްތިރި މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ސާނިއާއާއި ޝުއައިބްގެ 13 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސް ޝުއައިބު އިތުރު ކައިވެންޏެއް ކުރިއިރު އާއިލާއިން އެކަމާ ނުރުހޭ ކަމަށާއި ސަނާއާއި ޝުއައިބުގެ ކައިވެނީގެ ހަފުލާއަށް އެ އާއިލާގެ އެއްވެސް މެންބަރަކު ހާޒިރުނުވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.