ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގައި މިއަދު ހަވީރު ވެލެންސިޔާއާ އަތުން 1-0 ލަނޑުން މޮޅުވެ، ފުރަތަމަ ބުރުގެ ތިން ވަނަ މަގާމަށް އީގަލްސް ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ވެލެންސިޔާ ކޮޅަށް އީގަލްސްއިން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ދެ ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން އައްސަދު އަބްދުލްޣަނީ އެވެ.

މިއަދުގެ މެޗުން ލިބުނު މޮޅާ އެކު ފުރަތަމަ ބުރުގައި އީގަލްސް ކުޅުނު ހަތް މެޗުން އެ ޓީމް އޮތީ 11 ޕޮއިންޓާ އެކު އެވެ. އަދި މެޗުން ބަލިވި ވެލެންސިޔާ އޮތީ ފުރަތަމަ ބުރުގައި ކުޅުން ހަތް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނައިގަ އެވެ.

އެއް ލަނޑުގެ ލީޑަކާ އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން އީގަލްސްއިން ނިންމާލި އިރު، ފުރަތަމަ ހާފުގައި ވެލެންސިޔާ އަށް ވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ވެލެންސިޔާގެ ފޯވާޑުންނަށް ހިފިފައި ނުވާކަން ފާހަގަކޮށްލެވުނުނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ވެލެންސިޔާގެ އަބްދުލް ރަޝީދު މާހިރު ކުރި ފައުލަކާ ގުޅިގެން ދެ ވަނަ ރީދޫ ކާޑާ އެކު ރެފްރީ ވަނީ އޭނަ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ. މެޗުގެ ބަކީ ބައި ދިހަ މީހުންނާއެކު ކުޅެންޖެހުނު ވެލެންސިޔާ އަށް މެޗުގެ ދެ ވަނަހާފުގައި ވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެޓީމުގެ ފޯވާޑުންނަށް ނުހިފިގެން ދިޔަ ތަން ފާހަގަ ކޮށްލެވުނެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އީގަލްސްގެ މުހައްމަދު އާރިފް (ބަކާ) އެވެ.
މެޗަށް ފަހު ވެލެންސިޔާގެ ކޯޗް މުހައްމަދު އިގްބާލް ބުނީ، މެޗުގެ ކުރީ ކޮޅު އީގަލްސްއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނެގިކަމުގައި ވިޔަސް، މުޅި މެޗްގައި ވެލެންސިޔާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

އީގަލްސްގެ ކޯޗް ސާންތީ ބުނީ، މެޗުން މޮޅުވެ ލީގުގެ ތިން ވަނަ މަގާމަށް ޖެހިލުމުން އުފާވާކަމަށާއި އެހެން ނަމަވެސް ފުރަތަމަ ބުރުގެ ގަދަ ހަތަރެއް ކަށަވަރު ވާނީ މިހަފްތާ ތެރޭ ކުޅޭ އެހެން މެޗްތަކަށް ފަހު ކަށެވެ. އަދި މިއަދުގެ މެޗުގައި ފޯވާޑުންނަށް ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފިފައި ނުވާކަމަށް ވެސް ސާންތީ ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެ ޓީމަކީ އޭވައިއެލް އާއި ވިޔަންސާއެވެ.