އަންކަރާ (މޭ 29): ތުރުކީގެ ނުވަ މީހަކު ގަސްދުގައި މަރާލުމުގެ ތުހުމަތުގައި އިސްރާއީލުގެ އެންމެ އިސް ޢަސްކަރީ އޮފްސަރެއްގެ މައްޗަށް ތުރުކީގެ ކޯޓަކުން ޝަރީޢަތް ފަށައިފި އެވެ.

އިސްރާއީލުގެ މި ހަތަރު ޢަސްކަރީ ވެރިންގެ ތެރޭގައި ހިމެނެނީ އެ ޤައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ގެބީ އެޝްކިނާޒީ އާއި އިސްރާއީލުގެ ވައިގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް އެލިޔާޒަރު އަލްފްރެޑް އާއި ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް އެވިޝާއި ލޭވީ އާއި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އާމޯސް ޔެދްލިން އެވެ.
މި ހަތަރު އޮފިސަރުންގެ މައްސަލަ ތުރުކީގެ ކޯޓަށް ހުށަހެޅުއްވީ އިސްތަންބޯލްގެ ޕްރޮސެކިއުޓާ ޖެނެރަލް މުޙައްމަދު ޢާކިފް އިކަންޖީ އެވެ. ދަޢްވާ ހުށަހެޅުއްވުމަށް ފަހު އޭނާ ވިދާޅުވީ މި ހަތަރު އޮފްސަރުންގެ މައްޗަށް ކުރެވިފައި ވަނީ 2010 ވަނަ އަހަރުގެ މޭ މަހު ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދިޔަ ތުރުކީގެ އާގުބޯޓެއްގައި ތިބި ތުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންގެ ނުވަ މީހެއްގެ ގަޔަށް ގަސްދުގައި ބަޑިޖަހައި މަރާލުމުގެ ފަހަތުގައި ތިއްބެވި ކަމުގެ ޖިނާއީ ތުހުމަތުތަކެވެ. މިކަން ސާބިތުވާ ވަރަށް ހެކިލިބިފައިވާ ކަމަށް ތުރުކީގެ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެ އެވެ.

ޤާނޫނީ މާހިރުންނާ ޙަވާލާދީ ތުރުކީގައި ޝާއިޢުކުރެވިފައިވާ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މި ތުހުމަތުތައް އިސްރާއީލުގެ މި ހަތަރު އޮފިސަރުންގެ މައްޗަށް ސާބިތު ކުރެވިއްޖެ ނަމަ މިއިން ކޮންމެ ބޭފުޅެއްގެ މައްޗަށް އުމުރަށް ޖަލަށްލުމުގެ ނުވަ ޙުކުމެއް އަންނާނެ އެވެ. އެ މައްސަލާގައި އިސްރާއީލުގެ ޢަސްކަރީ ވެރިންނާ ދެކޮޅަށް ހެކިދިނުމަށް 600 މީހުން ތައްޔާރީ ޙާލަތުގައިތިބި އިރު މީގެތެރޭގައި 2010 ވަނަ އަހަރުގެ މޭ މަހު ޣައްޒާއަށް އިންސާނީއެހީ ހިފައިގެންދިޔަ ތުރުކީގެ އާގުބޯޓެއްގައިތިބި ބައިނަލްއަޤްވާމީ ސުލްޙައިގެ އެކްޓިވިސްޓުންގެ 490 މީހުން ވެސް ހިމެނެ އެވެ.
އިސްރާއީލުގެ ސިފައިން ތުރުކީގެ ނުވަ މީހުންގެ ގަޔަށް ބަޑިޖަހައި މަރާފައި ވަނީ މި 490 އެކްޓިވިސްޓުންގެ ކުރިމަތީގަ އެވެ. އިސްރާއީލުން ހިންގާފައިވާ މިޖަރީމާތަކާ ގުޅިގެން ތުރުކީ ވަނީ އިސްރާއީލާ ގުޅުންތައް ކުޑަކޮށް އިސްރާއީލުގެ ސަފީރު ތުރުކީން ބޭރުކޮށް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

އިސްރާއީލުން ވަނީ ތުރުކީގެ ޝަރުޢީ ދާއިރާ އިން ކުރިޔަށް ގެންދާ މިޝަރީޢަތަކީ ވަރަށް ނުރައްކާތެރި ޝަރީޢަތެއް ކަމަށް ސިފަކޮށްފަ އެވެ. (އަލްޖަޒީރާ)