29 May 2012, 21:49
ލަންޑަން (މޭ 29): އިނގިރޭސި ރާނީ އެލިޒަބަތް 2ގެ ދިގުލީ ރަނިކަމުގައި އިނގިރޭސިވިލާތުގެ ޙާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް އިނގިރޭސި ރައްޔިތުންގެ ދެބައިކުޅައެއްބައި މީހުން ޤަބޫލުކުރާ ކަމަށް މިކަމާ ބެހޭ ގޮތުން އިނގިރޭސިވިލާތުގައި ކުރި އާންމު ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެވެ.
އިނގިރޭސިރާނީ އެލިޒަބަތް 2ގެ ރަނިކަމުގެ އަލިމަސް ޖުބިލީ ފާހަގަކުރުމުގެ ދުވަސްވަރާ ދިމާކޮށް އިނގިރޭސިވިލާތުގައި ކުރި ޢާންމު ޚިޔާލު ހޯދުމުގެ ސަވޭއެއްގެ ނަތީޖާ ދައްކާ ގޮތުން އެލިޒަބަތްގެ ރަނިކަމުގެ ދައުރުގައި އިނގިރޭސިވިލާތުގެ ޙާލަތު އިތުރަށް ގޯސްވެ އިނގިރޭސި ދައުލަތުގެ ބާރާއި ނުފޫޒު ދުނިޔޭގައި ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމަށް އެ ޤައުމުގެ ރައްޔިތުންގެ 47 ޕަސެންޓް މީހުން ދެކެ އެވެ.
މިސަވޭގައި ޚިޔާލު ހޯދި މީހުންގެ ތެރެއިން 50.5 ޕަސެންޓް މީހުން ބުނެފައި ވަނީ އެލިޒަބަތް 2ގެ ރަނިކަމަށް60 އަހަރު ފުރުމުގެ އަލިމަސް ޖުބިލީ ފާހަގަކުރުމުގެ އެއްވެސް އިޙްތިފާލެއްގައި އެމީހުން ބައިވެރިނުވާނެ ކަމަށާއި މިޙަފްލާތަކަށް އެމީހުންގެ އެއްވެސް ޝައުޤުވެރިކަމެއްނެތް ކަމުގަ އެވެ. އެލިޒަތުގެ ވެރިކަމުގައި އިނގިރޭސިވިލާތް ވަނީ ދުނިޔޭގެ ބޮޑުބާރަކުން ދެވަނަ ދަރަޖައިގެ ބާރަކަށް ވެއްޓިފައިވާ އިރު އެލިޒަބަތްގެ ދިގުލީ ރަނިކަމުގައި އިނގިރޭސިވިލާތުގެ އިޤްތިސާދާއި ސިނާޢަތު ހީނަރުވުމުގެ އިތުރުން އިނގިރޭސި ދައުލަތުގެ ސިޔާސީބާރާއި ނުފޫޒާއި ހައިބަތު ދުނިޔޭގައި ވަރަށް ބޮޑަށް ދަށަށްގޮސް ޔޫރަޕްގައި ވެސް އިނގިރޭސިވިލާތް ވަނީ ތިން ވަނަ ދަރަޖައިގެ ޤައުމަކަށް ވެފަ އެވެ.
އެލިޒަބަތްގެ ރަނިކަމުގައި ފާއިތުވި 60 އަހަރު ތެރޭގައި، އިޤްތިސާދީ ގޮތުން އިނގިރޭސި ދައުލަތް 5 ވަނަ ދަރަޖައިގެ ޤައުމަކަށް ވެއްޓިފައިވާ އިރު ޔޫރަޕްގައި އިނގިރޭސިވިލާތަށް ވުރެ ބާރުގަދަވެފައި ނުފޫޒުބޮޑީ ޖަރުމަނާއި ފަރަންސޭސިވިލާތް ކަމަށް މުހައްލިލުން ސިފަކުރެ އެވެ. ކުރިން އިނގިރޭސި ރައްޔިތުންގެ މެދުގައި އެލިޒަބަތަށާއި ޝާހީ ޢާއިލާއަށް އޮތް މަޤްބޫލުކަމާއި ތާއީދު، ފާއިތުވި 60 އަހަރު ތެރޭގައި ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަން ޚިޔާލު ހޯދުމުގެ އެކިސަރވޭތަކުން މިފަހަކަށް އައިސް ދަނީ ހާމަވަމުންނެވެ.
މިއާއެކު ވެސް އެލިޒަތަބުގެ ޝަޚްސިއްޔަތާއި އިނގިރޭސި ވިރާސީ ރަސްކަމުގެ ބޯދާ ނިޒާމަކީ، އިނގިރޭސި ދައުލަތުގެ އެތެރޭގެ ހަމަޖެހުން ދެމެހެއްޓުމާއި ކޮމަންވެލްތުގެ ލޯތްބާއި ތާއީދު އިނގިރޭސި ދައުލަތަށް ލިބުމުގެ ރަމްޒެއް ކަމަށް އިނގިރޭސި ރައްޔިތުންގެ ގިނަ ބަޔަކު ދެކޭކަން ވެސް މިސަރވޭން ހާމަވެފައިވެ އެވެ.
އެލިޒަބަތްގެ ދިގުލީ ރަނިކަމަށް 60 އަހަރު ފުރުމުގެ އަލިމަސް ޖުބިލީ ފާހަގަކުރުމުގެ ގޮތުން އަންނަ ހަފްތާގައި އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިޙްތިފާލްތަކުގެ ތެރޭގައި ބަކިންގްހަމް ޕެލަސްގައި މިޔުޒިކީ ހަފްލާއެއްބޭއްވުމާ އެއްހާސް ބޯޓު އެކުލެވޭ ފްލީޓެއް ލަންޑަންގެ ތޭމްސް ކޯރުގައި ދައްކާލުމާއި ޝާހީ މޮޓޮކޭޑެއް ދައްކާލުމުގެ ބުރެއް ލަންޑަންގައި ބޭއްވުން ހިމެނެ އެވެ. (ރޮއިޓާސް)