22 Jan 2024, 09:02
"ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއި އެހީތެރިކަމަކީ އުފާވެރިކަން ތިމާއާއި އެހެން މީހުންނަށް ގެނެސްދޭނެ ކަމެކެވެ."
***
"ދެންންންން....ހާދަ ފޫއްސޭ...ބޮސް ނޫނަސް ހުންނަނީ އެހާ ބޮސް ހެދިފަ....ދެން އެކަމަކު ހާދަ އެމްބަރޭސިން އޭ....." އުރުޖުވާން ލަދުން ހިތާ ހިތުން ކިޔާލެވުނެވެ. އަދި ދޮރުގައި ހުރި ޕީޕް ހޯލް އިން މާޒިމް ކުރާކަމެއް ބަލައިލަން ބޭނުންވިއެވެ.
"ޔާ ﷲ....ސޭވް މީ....މާޒިމް ކީއްވެތަ މި ދޮރު ކައިރީ....ސުބްޙާނައްﷲ...." އުރުޖުވާން ހިތާ ހިތުން ކިޔަމުން ދިޔައީ އެ ލޯކޮޅުން މާޒިމް ދޮރު ކައިރީ ހުރިތަން ފެނުމުންނެވެ. މާޒިމް ބެލް ޖެހުމަށް އަތް ނެގިތަން ފެނުމުން އުރުޖުވާން އަށް ދޮރު ހުޅުވުނެވެ.
"އަމް...މް...އަސްލު ގެ ތަޅުލާފަ ތަޅުދަނޑި ހިފައިގެން ކެނާން މެން ދިޔައީ. ދެން ވާރޭ ވެސް ވެހޭތީ...." މާޒިމް ބޯ ކަހާލަމުން ބުނެލީ ވަރަށް ނުކެރިފަހުރެއެވެ.
ދޮރު ކުޑަކޮށް ހުޅުވާލައިގެން ބޯ ދިއްކޮށްލައިގެން ހުރި އުރުޖުވާން ލަދުން ގަނޑުވެފައި ހުރެވުނީއެވެ. މާޒިމް ކަރު ކަހާލުމުން އޭނަ ވަންނަން ތަން ދިނެވެ. އުރުޖުވާން އަވަސް އަވަހަށް ފެން ތަށްޓެއް އަޅައިގެން އައިސް ސޯފާގައި އިން މާޒިމް އަށް ދިއްކޮށްލީ މެހެމާންދާރީ އަދާކުރުމުގެ ގޮތުންނެވެ. ނަމަވެސް އަތް ތުރުރު އަޅާވަރުން ފެން ތަށި މާޒިމް ގަޔަށް އޮއްސާނުލެވުނީ މާޒިމްގެ ހުޝިޔާރު ކަމުންނެވެ. މާޒިމް ކަރު ހިއްކާފައި ހުރުމުން އެއް ނޭވާއިން ފެން ތަށި ދަމާލައިފިއެވެ.
"ކީއްވެ އެހާ ބިރުން. މީ ޖިންނި އެއް ނޫނޭ..." މާޒިމް ފެން ތަށި ބޯލުމުން ހިތަށް ފިނިކަން ލިބި މީހާގެ ހާސްކަން ފިލިއެވެ.
"ނޫން. އެހެންނެއް ނޫން...އެއީ އަސްލު....." އުރުޖުވާންގެ ދޫ ބަންދުވާހެން ހީވިއެވެ.
"އަސްލު ކިހިނެއްވަނީ؟" މާޒިމް ހީވީ ޑޮކްޓަރަކު ބަލިމީހަކާއި ވާހަކަދައްކަނީ ހެންނެވެ. ސޯފާގައިވެސް އިށީނދެ އިނީ އެއްއަތް އަނެއް އަތު ތެރެއަށް މަހާލައިގެން ލޮލުގެ ނަޒަރު އުރުޖުވާން އާއި ވަކިކޮށްނުލައެވެ. އެހާވެސް އެނގެން ޝައުގުވެރިވެފައެވެ.
އެއީ....އެއީ. ޑީހައިޑްރޭޓްވީމަ. އައި ޖަސްޓް ނީޑް ވޯޓަރ.." އުރުޖުވާން ވާހަކަ ދެއްކި އިރު ކޮށި ނޭރީވެސް ކިރިޔާއެވެ. މާޒިމް ފެން ބުއި ތަށި އަތު ތެރެއަށް ލައި ބާރު ކޮށްލެވުނެވެ. އަދި އަވަސް އަވަހަށް މޭޒު މަތީ އިން ފިނި ފެން ފުޅިން ތަށްޓަށް އެޅުމަށް ފަހު އެއް ނޭވާއިން ބޯލެވުނީ ތިން ތަށްޓެވެ. ހަތަރު ވަނަ ތަށި އެޅުމުން އުރުޖުވާން ގެ އަތު ތެރެއިން މާޒިމް އެ ތަށި ހޯދާލީ ދެމީހުންގެ ކަޅި އެކަކު އަނެކަކާއި ވަކި ނުކޮށެވެ.
"ކާމް ޑައުން. ޔޫ އާ ސޭފް..." މާޒިމް ގެ އަޑުގައިވީ އޯގާތެރިކަމާއި ކުލުނެވެ. އަދި ސޯފާގައި ހަމަޖެހިލައިގެން އިށީންނަށް އުރުޖުވާން އަށް ތަން ދިނެވެ. ރޯ މަހެއް ހެން ތެޅެމުން ދިޔަ އުރުޖުވާންގެ ހިތުގެ ހިނގުން ހަމަޔަކަށް އެޅެމުން ދިޔައެވެ.
"އަހަރެން އުރުޖުވާންއަށް ދެރަ ގޮތެއް ނަހަދާނަން. އައި ޕްރޮމިސް..." މާޒިމް ޔަގީންކަން ދޭން ބޭނުންވީ އުރުޖުވާން ބިރުގަންނަނީ ކީއްވެކަން ރަނގަޅަށް އެނގޭތީއެވެ. އުރުޖުވާން ކަހަލަ ކުދީންނަކީ ޒަމާނީ އަންހެން ކުދީންނާއި ޚިލާފަށް، ފިރިހެން ކުދީންނާއި އެކީ އެކަނިވެރި މާޙައުލުތަކުގައި ބައްދަލުކޮށް އުޅުމުގެ ތަޖުރިބާ ހުރި ކުއްޖެއް ނޫނެވެ. ބޭކާރުގޮތުގައި ބޭރު ތެރޭ އުޅުމާއި މީހުންގެ ސަމާލުކަން ހޯދުމާއި ދުރު ކުއްޖެކެވެ. ނުބައި ނިޔަތެއް ނެތް ކަމުގެ ޔަގީންކަން އުރުޖުވާން އަށް ދިނުމަށް މާޒިމް ބޭނުންވީ ވެސް އެހެންވެއެވެ.
"އައިމް ސޮރީ. މާ...ޒި..މް އެކަހަލަ ނިޔަތެއް އޮތް މީހެއް ނޫން ކަން އެނގޭ. އިޓްސް ޖަސްޓް ދިސް އިޒް އޯލް ނިއު ފޯ މީ. މާމަ ވެސް ބަލިވީމަ އާއި އެކީ. ހުރިހާ ކަމެއްވެސް ބަދަލު މިވީ އެހާ ކުޑަ ވަގުތުކޮޅެއް ތެރޭގަ. އެންޑް ޔެސް... ފޯނު ނަންބަރ ދެވިދާނެތަ؟" މާޒިމްގެ ނަން ކިޔުމުގައި އަޅައިގަތަސްވެސް އުރުޖުވާން އަށް ހުރިހާ ވާހަކައެއް އަމުނާލެވުނީ އެއްފަހަރާއެވެ. މާޒިމް ގެ ފޯނު ނަންބަރު އަވަހަށް ހޯދަން ބޭނުންވީ ވާހަކަ ދައްކަން ފަސޭހަވާނީ އެއިރުން ކަމަށް ވާނެތީއެވެ. މާޒިމް ކުރިމަތީ ހުރެވޭ ކޮންމެ ފަހަރަކު އުރުޖުވާން ހުންނަނީ ލަދުން ގަނޑުވެފައެވެ. އަދި ކުރެވެނީ ވެސް އެހާ މޮޔަކަންތަކެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ފަހަރު ގުނާ އަދަދު ނުކުރެވޭހާއެވެ. އުރުޖުވާން ބޭނުންވީ ދައްކަން ހުރި ވާހަކައެއް ވިއްޔާ ނުފެންނަ ހިސާބުގަ ފޯނުން މެސެޖް ކޮށް ވާހަކަ ދެއްކުމަށެވެ. މާޒިމްއަށް އުރުޖުވާންގެ މޫނަށް އަންނަ ކުލަވަރުތަށް ނުފެންނަށް ހިސާބެއްގައެވެ.
"އިޒް މައި ނޭމް ސޯ ޑިފިކަލްޓް؟ ހަމަ ގައިމުވެސް އުރުޖުވާން ކިޔުމަށް ވުރެ މާޒިމް ކިޔަން މާ ފަސޭހަވާނެ. ހާދަ އާޓު ބޮޑު ކުއްޖެކޭ މީ. އެކަމް ނަސީބެއް ނަމްބަރ ހޯދަން ބުނިކަން...." މާޒިމް އަށް ހިތާ ހިތުން ބުނެވުނެވެ.
ދެމީހުން ފޯނު ނަމްބަރު ބަދަލުކުރުމަށް ފަހު އުރުޖުވާން އެދުނީ ސަބީހާ ކޮޓަރީގައި މާޒިމް ހުރުމަށެވެ. ނަމަވެސް މާޒިމް އެކަމާ ދެކޮޅުހަދައި ބުނީ ސަބީހާގެ ހުއްދަ ނެތީސް އެކޮޓަރީގައި ނުހުރެވޭނެ ކަމަށެވެ. އުރުޖުވާން ހިތާ ދެކޮޅަށްވެސް މާޒިމް ހުރުމަށް އަމިއްލަ ކޮޓަރި ދިނެވެ. އަދި ބޭނުންވާ ބައެއް ސާމާނު ހިފައިގެން ސަބީހާ ކޮޓަރިޔަށް ދިޔުމަށް އުރުޖުވާން ތައްޔާރުވާން ފެށިއެވެ.
"އޯ ނޯ.އިޝާ ނުކޮށް މިހިރީ. ބާރަ ޖަހަން އެންމެ ފަސް މިނިޓް........." ނާމާދު މަތީން ހަނދާންވީ މުސައްލަ ނަގަން އައުމުންނެވެ. އުރުޖުވާން ނަމާދު ކުރުމަށް އަވަސް ވެލިއެވެ. ވުޟޫ މަތީގައި ހުރުމުން އަވަހަށް މުސައްލަ އަޅައި ނަމާދު ކުރަން ފެށީ އަމިއްލަ ކޮޓަރީގައެވެ. މާޒިމް އަށް އުރުޖުވާން ސަބީހާ ކޮޓަރިޔަށް ދިޔައީ ކަމަށް ހިތާ ވަދެވުނު އިރު އުރުޖުވާން ހުރީ ނަމާދުކުރުމަށެވެ.
***
ކެނާން އާއި މަދީނާގެ ފޮށިތައް ސިޓިންރޫމް ތެރޭގައި ބަހައްޓައި ދިނުމަށް ފަހު ޝަފީގުމެން ދިޔައީއެވެ. ގޭގައި ފެން ނުހުންނާނެ ކަމަށް ބުނެ ޝަފީގު ހުރީ ފެން ކޭހެއްވެސް ގެއަށް ވައްދާދީފައެވެ.
މާޒްވިލާގެ ތެރޭގައިވީ ސިއްރުވެރި އަޑުތައް މަދީނާގެ ކަންފަތުގައި ބީހެމުން ދިޔައީ ހިތް ނުތަނަވަސް ކުރުވާ ފަދަ ގޮތަކަށެވެ. އެ ބޮޑު ގަނޑުވަރެއް ކަހަލަ ގޭ ޖަރީވެފައިވީ އެތައް ބޮކިތަކުން ކަމުގައި ވީނަމަވެސް އެ ގޭގެ ފަޅުކަން ފިލާ ނުދެއެވެ. އެ ބޮޑު ސިޓިން ރޫމުގެ މެދަށް ވާގޮތަށް އިން ކްރިސްޓަލް ޗާނދަލިޔާގެ ރީތިކަން އެ ފެނުނު ކޮންމެ މީހަކު އާޝޯޚުކުރުވާލާނެއެވެ. ގަނޑުވަރެއްފަދަ އެ ގޭގެ ސިޓިންރޫމުގައި ހުރި ހައިވަކަރުން ހަދާފައިވާ ބޮޑު ގަޑީގެ ކަށިތައް ހިނގުމުގެ އަޑުން، ކެނާންގެ ހިތުގެ ކަނުގައި ފޮރުވިފައިވާ ހިތި ހަނދާންތަކުގައި ކޮށްޓައިލިއެވެ.ފާރުގައި ހަރުކޮށްފައިވާ ބޮޑު ޕޯޓްރެއިޓް ފޮޓޯގައި ވީ މީހުންގެ މޫނުތަކަށް މަދީނާ އާއި ކެނާންގެ ލޯ ހުއްޓުނެވެ.
"މަދީނާ ހަނދާންހުރޭތަ މި ބޮޑު ފޮޓޯ؟އޭރު މަދީނާ ވާނީ ހަތް އަހަރު ވަރު ކަންނޭނގޭ އެންމެ ފަހުން މިގެއަށް ވިޒިޓް ކުރި އިރު..އަބަދު ބުނާނެ ކާފަ ވާހަކަ ދައްކަނީ އޭ ފޮޓޯތެރެއިން.." ކެނާން އެ ފޮޓޯ ގައި ތިބި އޭނާގެ ކާފަ އާއި މާމަ އަދި ނަބީލާ ހުއްޓިހުރި ފޮޓޯއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ނަބީލާ ނޫން އެކެއްގެ މޫނުމަތިންވެސް ހިނިތުންވުމުގެ ކުލަވަރެއް ނުފެނެއެވެ.
"އާނ އެ ޓްރިޕް ދުވަހަކު ހަނދާން ނުނެތޭނެ...." މަދީނާ އެ ދުވަސްތައް ހަނދާންވުމުން ހިންދިރުވާލަންވެސް އުނދަގޫ ކުރުވާ ކަހަލެއެވެ. އެންމެ ފުރަތަމަ އުވެއިސް އާއި ދިމާވިވެސް އެފަހަރު މެއެވެ. މަދީނާ އެ ފޮޓޯ ގަނޑާއި ކައިރި އަށް ޖެހި އަތުން ފިރުމާލެވުނީ އެނާގެ މަންމަގެ ލޯބި މޫނުގައެވެ. އެ ރީތި ބުޅި އިސްތަށިގަނޑާއި ނިޔަނެތި މޫނެވެ. މައުސޫމުކަމުން ފުރިގެންވީ ލޮލެކެވެ. މަދީނާ ގެ ލޯ ފެން ކަޅި ވާތަން ބަލަން ކެނާން އަށް އުނދަގޫ ކުރުވިއެވެ. އަވަހަށް ބޭނުންވީ މަދީނާ އެ ޚިޔާލުތަކާއި ދުރަށް ގެންދެވޭތޯއެވެ.
"ހިނގާ ކޮޓަރި ބަލައިލަން ދާން...."ކެނާން ސިޑި އާއި ދިމާއަށް ހިނގައިގަތެވެ. މަދީނާ އެ ދިމާއަށް ދާން މިސްރާބު ނުޖެހެނީސް އަތަށް ކަރަންޓެއް އައި ހެން ހީވާ ކަހަލަ ނުބައި ގޮތެއް ވިއެވެ. ހަމަ އެ ވަގުތު ބަލާލެވުނީ އެ ފޮޓޯ ގަނޑުގެ ނަބީލާގެ ކަނައަތް ފަޅީގައި އިން އޭނާގެ ކާފަގެ މޫނަށެވެ. ބުމަ ގޮށްޖެހިފައިވާ އެ މޫނުގައި ވީ ރުޅިވެރިކަމާއި ބިރުވެރިކަމެވެ. ހިނިތުންވުމެއް ނެތް އެ މޫނަށް ނުލަފާ ހިނިތުންވުމެއް ވެރިވި ފަދައެވެ. މަދީނާ ގެ ލޯ ބޮޑުވެ ކެނާން އާއި ދިމާއަށް ދުއްވައިގަންނަން އުޅުމުން ހީވީ މީހަކު އޭނަގެ ފަޔަށް ދަމައި ވައްޓާލީ ހެންނެވެ.
"ކުޑަބެ...." މަދީނާ އަށް ގޮވާލެވުނީ އަޑުކޮޅަށެވެ.
***
އެ ގޭގެ ކުޑަ ދޮރުތަކުން ބޭރަށް އެޅިފައިވާ އަލިން މީހުންގެ ހިލަން ވާކަން އާދަމް އަށް ވިސްނައިގަނެވުނެވެ. މާޒްވިލާގެ ގޭޓުކައިރީ ހުއްޓި ހުރި އާދަމްގެ އުފާ ބަޔާން ނުކުރެވޭހާއެވެ. އޭނަގެއަތުގައި އޮތް ކަޅު ބުޅާ ބަގީޗާގެ ތެރެއަށް ދޫކޮށްލިއެވެ. ކިޔެވެލި ފަތި ކިޔަމުން ހިނގައިގަތީ ކޮޓެޖް އާއި ދިމާއަށެވެ.
ނުނިމޭ