ބަތަލާ ޔާމީ ގޯތަމް ލީޑު ރޯލުން ފެންނާނެ ފިލްމު "އާޓިކަލް 370"ގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

ޔާމީ އަސްކަރީ އެޖެންޓެއްގެ ރޯލްއިން ފެންނަ "އާޓިކަލް 370"އަކީ ވަރަށް ވަރުގަދަ ޕޮލިޓިކަލް ޑްރާމާއެކެވެ. ޤައުމީ އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު އަދިތިޔަ ސުހާސް ޖަމްބާލޭގެ މި ފިލްމުގެ ވަރަށް ބޮޑު ބައެއް އިންޑިއާ އަދި ކަޝްމީރުގައި ޝޫޓްކޮށްފައިވާއިރު ފިލްމުގައި ގެނެސްދޭ ގިނަ ހާދިސާތައް ބިނާކޮށްފައި ވަނީ ކަޝްމީރުގައި ހިނގާ ޓެރަރިޒަމްގެ އަމަލުތަކުގެ މައްޗަށެވެ.

ފިލްމުގެ ޓީޒާ އާއްމު ކުރަމުން ބަތަލާ ޔާމީ ގޯތަމް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ފިލްމަކީ އިންޑިއާގެ ތާރީޚީ ސޮފުހާތަކުގެ ތެރެއިން ފަލަ އަކުރުން ލިޔެވިފައިވާ މުހިއްމު ޗެޕްޓަރެއް ކަމަށެވެ.

"ފިލްމު "އާޓިކަލް 370'އަކީ އިންޑިއާގެ ތާރީޚުގެ ހިތްވަރުގަދަ ބާބެއް. ހަގީގީ ހާދިސާތަކުން އިންސްޕަޔާވެގެން ގެނެސްދޭ ޕޮލިޓިކަލް-އެކްޝަން-ޑްރާމާއަކުން ދައްކުވައި ދެނީ ގައުމެއްގެ މަގު ބަދަލުކޮށްދޭ އެންމެ މުހިންމު ނިންމުންތައް ނިންމުމަށް އިންޓެލިޖެންސާއި ޕޮލިޓިކްސް ގުޅިގެން މަސައްކަތް ކުރާ ގޮތް،" ކާމިޔާބު ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ ބަތަލާ ބުނެފައިވެއެވެ.

ބަތަލާ ޔާމީ ގޯތަމް ފިލްމު "އުރީ: ދަ ސަޖިކަލް ސްޓްރައިކް"ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް

މި ފިލްމާ ބެހޭގޮތުން ޑައިރެކްޓަރު އަދިތިޔާ ސުހާސް ބުނެފައިވަނީ އިންޑިއާގެ ތާރީޚީ މުހިއްމު ހާދިސާތަކެއް ހިމެނޭ ބާބެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެވުމަކީ ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވުނު މަސައްކަތެއް ކަމަށެވެ.

ޔާމީ ގޯތަމް ވަނީ އެކްޓަރު ވިކީ ކޯޝަލްއާ އެކު ކުޅުނު ފިލްމު "އުރީ:ދަ ސަޖިކަލް ސްޓްރައިކް"ގައި ވެސް ވަރަށް ތަފާތު ރޯލަކުން ބެލުންތެރިންނާ ބައްދަލުކޮށްފައެވެ.

ޖިއޯ ސްޓޫޑިއޯއާއި ފިލްމު "އުރީ: ދަ ސަޖިކަލް ސްޓްރައިކް"ގެ މޭސްތިރިންގެ އުފެއްދުން ކަމަށްވާ "އާޓިކަލް 370" ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.