29 May 2012, 19:05
ކެޕްޓަން އައްސަދު އަބުދުލްގަނީގެ ހަމައެކަނި ލަނޑުން ވެލެންސިއާ ބަލިކޮށް، ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ތިން ވަނަ މަގާމަށް އީގަލްސް ޖެހިލައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ވެލެންސިޔާ ކޮޅަށް އީގަލްސްއިން ލަނޑު ޖެހީ މެޗުގެ ދެ ވަނަ މިނެޓުގަ އެވެ.
މިއަދުގެ މެޗުން ލިބުނު މޮޅާއެކު ފުރަތަމަ ބުރުގައި އީގަލްސް ކުޅުނު ހަތް މެޗުން އެޓީމް އޮތީ 11 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި ވެލެންސިޔާ އޮތީ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.
އެއް ލަނޑުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން އީގަލްސްއިން ނިންމާލިއިރު، ފުރަތަމަ ހާފުގައި ވެލެންސިޔާއަށް ވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ވަނީ ލިބިފައެވެ. އެހެން ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ވެލެންސިޔާގެ ފޯވާޑުންނަށް ހިފިފައި ނުވާކަން ފާހަގަ ކޮށްލެވުނުނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ވެލެންސިޔާގެ އަބްދުލް ރަޝީދު މާހިރު ކުރި ފައުލަކާ ގުޅިގެން ދެ ވަނަ ރީދޫ ކާޑާއެކު ރެފްރީ ވަނީ އޭނައަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ ބަކީ ބައި ދިހަ މީހުންނާއެކު ކުޅެންޖެހުނު ވެލެންސިޔާއަށް މެޗުގެ ދެ ވަނަހާފުގައި ވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބުނު ނަމަވެސް، އެފުރުސަތުތަކުގެ ބޭނުން އެޓީމުގެ ފޯވާޑުންނަށް ނުހިފިގެން ދިޔަ ތަން ފާހަގަ ކޮށްލެވުނެވެ.
މިއަދުގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އީގަލްސްގެ މުހައްމަދު އާރިފް (ބަކާ) އެވެ.
މެޗަށްފަހު ވެލެންސިޔާގެ ކޯޗް މުހައްމަދު އިގްބާލް ބުނީ، މެޗުގެ ކުރީ ކޮޅު އީގަލްސްއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނެގިކަމުގައި ވިޔަސް، މުޅި މެޗްގައި ވެލެންސިޔާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ.
އީގަލްސްގެ ކޯޗް ސާންތީ ބުނީ، މެޗުން މޮޅުވެ ލީގުގެ ތިން ވަނަ މަގާމަށް ޖެހިލުމުން އުފާވާކަމަށާއި އެހެން ނަމަވެސް ފުރަތަމަ ބުރުގެ ގަދަ ހަތަރެއް ކަށަވަރު ވާނީ މިހަފްތާ ތެރޭ ކުޅޭ އެހެން މެޗްތަކަށް ފަހުކަށެވެ. އަދި މިއަދުގެ މެޗުގައި ފޯވާޑުންނަށް ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފިފައި ނުވާކަމަށް ވެސް ސާންތީ ބުންޏެވެ.
ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެ ޓީމަކީ އޭވައިއެލް އާއި ވިޔަންސާއެވެ.