ކޮރަޕްޝަންގެ އެއްވެސް އަމަލަކަށް މިސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގުތަކާ ގުޅިގެން ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގަ އެވެ.

ރައީސް ވަހީދު ވިދާޅުވެފައި ވަނީ މިހާރު މި އޮތް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ވެރިކަން ހިންގުމުގައި ގެންގުޅުއްވާނީ ދެފުށް ފެންނަ ސިޔާސަތެއް ކަމަށެވެ. އަދި މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ އދ.ގެ ކޮރަޕްޝަނާ ދެކޮޅު މުއާހަދާއާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އެ ބަޔާނުގައި ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަމުން ގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވަމުން، ކޮރަޕްޝަންގެ އަމަލެއް އެއްވެސް ފަރާތެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެއީ ކޮންމެ މަގާމެއްގައި ހުންނެވި ކޮންމެ ފަރާތެއް ނަމަވެސް، ގާނޫނީ ހަމަތަކުގެ މަތިން އެފަރާތަކާ މެދު ފިޔަވަޅު އެޅޭނެ ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ. އަދި އެކަމުން އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.

ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތުގައި މިހާރު ހުއްޓިފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ކުރާ މެލޭޝިޔާގެ ނެކްސްބިޒުން އިމިގްރޭޝަން ޑިޕާޓްމަންޓަށް ދީފައިވާ ލެޕްޓޮޕްތަކެއް ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިމިގްރޭޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.