ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ހަސް ތޭކަ މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލްގެ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ބައެއް ސާމާނު ނެކްޒް ބިޒުން ރާއްޖެ އެތެރެ ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ހުއްދަދޫކޮށް، ޑިއުޓީ ފްރީކޮށްގެން ފަޅާއަރައިފި އެވެ.

ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ނަޒީރު ސޮއި ކުރައްވައި މި މަހުގެ ހަތް ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާފައިވާ ސިޓީއެއްގައި ބުނަނީ ނެކްސް ބިޒުން ހިންގާ ބޯޑާ ކޮންޓްރޯލް މަޝްރޫއަށް ބޭނުންވާ ކޮމްޕިޔުޓާ ހާޑްވެޔާ އާއި އެކްސެސަރީޒްގެ ޑިއުޓީ މާފްކޮށްދިނުމަށް އެ އޮފީހުގައި އިމިގުރޭޝަނުން އެދިފައިވާ ކަމަށެވެ. އަދި އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ އަށް ވަނަ މާއްދާގެ، 'ށ'ގެ ދަށުން އެ ތަކެތީގެ ޑިއުޓީ މާފުކޮށްދިނުމަށް ރައީސް މިހާރު ނިންމަވާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ނިންމެވި ގޮތުގެ މަތިން، އެ ތަކެތީގެ އިމްޕޯޓް ޑިއުޓީގެ މައްސަލަ ގަވާއިދުން ހަމަޖެއްސުމަށް ދަންނަވަމެވެ،" ސިޓީގައިވެ އެވެ.

ސިޓީ ލީކުވެފައި މި ވަނީ ނެކްސްބިޒް އިން އިމިގުރޭޝަންގެ މުވައްޒަފުންނަށް 60 އަށް ވުރެ ގިނަ ލެޕްޓޮޕްދީފައިވާ ކަމަށް ބުނާ މައްސަލަ އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެ މަޝްރޫއުގެ މައްސަލަ ވަނީ ހައިކޯޓުގެ އަމުރަކާ އެކު ވަގުތީ ގޮތުން ހުއްޓާލެވިފަ އެވެ.

ބޮޑާ ކޮންޓްރޯލްގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މެލޭޝިޔާގެ ނެކްސް ބިޒާ އެކު އިމިގްރޭޝަނުން ސޮއި ކުރީ އެ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އޭސީސީ އިން އެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ބުނެފައި ވަނިކޮށެވެ.

ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ނެކްސް ބިޒާ ހަވާލުކޮށްފައި ވަނީ 25 އަހަރުވަންދެން ރާއްޖެ އަންނަ ކޮންމެ މީހެއް އަދި ފުރާ ކޮންމެ މީހެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނަގާ ގޮތަށެވެ. އަދި ވިސާ ހައްދައި އަދި އާ ކުރާ ކޮންމެ މީހެއްގެ އަތުން 15 ޑޮލަރު ނަގާ ގޮތަށެވެ.