ސިފައިންގެ އެހީތެރިކަމާ އެކު ދޮށީގެ މަސްވެރިކަން ތަރައްގީ ކުރުމަށް ޓަކައި ފިޝަރީޒް މިނިސްޓްރީ އިން އުތުރުގެ ހަތަރު ސަރަހައްދެއްގައި ހަރުކޮށްފައި ހުރި ކަނދުފަތިތަކެއް އާކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި މަހުގެ 17 ވަނަ ދުވަހުން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ މަސައްކަތުގައި އާކޮށްފައި ވަނީ ނ. މާފަރު ކަނދުފައްޗާއި، ށ. ކޮމަންޑޫ ކަނދުފަތީގެ އިތުރުން ހއ. ހޯރަފުށީ ކަނދުފަތި އަދި ހއ. ދިއްދޫ ކަނދުފަތި ކަމަށެވެ.

އެ މަސައްކަތުގައި ސިފައިންނާއި ފިޝަރީޒް މިނިސްޓްރީގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަސްވެރިކަމުގެ ސިނާޔަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ޓަކައި ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ފިޝަރީޒް މިނިސްޓްރީން، 50 ކަނދުފަތީގެ ވިއުގައެއް ޤާއިމްކޮށްފައިވާ އިރު މޫސުން ގޯސްވުމާއި އެފަދަ ބައެއް ކަންކަމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 15 ވަރަކަށް ކަނދުފަތި އާކުރަން ޖެހޭ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.