29 May 2012, 16:48
މައުލޫމާތުގެ އަލީގައި ހާމަކަމާއި ޒިންމާދާރުވުން ކުރިއެރުވުމުގެ މަޝްރޫއެއް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއަކާއި ޔުނައިޓެޑް ނޭޝަންސް ޑިމޮކްރަސީ ފަންޑް (ޔޫއެންޑީއީއެފް) ގުޅިގެން ފަށައިފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނީ ހާމަކަމާއި ޒިންމާދާރުވުން ކުރިއެރުވުމުގެ މަގުސަދުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ އައު މަޝްރޫއެއް އެޖަމިއްޔާ އިން މި މަހުގެ 12 ވަނަ ދުވަހު ފަށާފައި ވަނީ ޔޫއެންޑީއީއެފްގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.
އެ ޖަމިއްޔާ އިން އަދި ބުނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނީ އޮނިގަނޑާއި އެއާ ގުޅޭ ގާނޫނީ ހައްލު ނުވަތަ ބަދަލު ހޯދުމުގެ ވަސީލަތްތަކުގެ ބޭނުން ހިފުމާއި ގައުމުގެ މައުލޫމާތު އާއްމުކޮށް ފަސޭހައިން ލިބުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ހާމަކަމާއި ޒިންމާދާރުވުން ކުރިއެރުވުމަށް ބާރު އަޅައި، ރައްޔިތުންގެ މެދުގައި މައުލޫމާތު ހޯދުމުގެ ޝައުގުވެރިކަން އުފެއްދުން މަޝްރޫއުގައި ހިމެނޭ ކަމަށެވެ.
"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ހާމަ އަދި ހުޅުވާލެވިފައިވާ ގޮތަކަށް ނިންމުންތައް ނިންމުމުގެ އުސޫލު ހަރުދަނާ ކުރުމާއި ހެޔޮވެރިކަމާއި ގާނޫނުގެ ވެރިކަން ކުރިއެރުވުމަށް ކޮންމެހެން މުހިއްމު ހައްގެއް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ހުޅުވާލެވިގައިވާ ޑިމޮކްރެޓިކް ނިޒާމެއްގައި މުހިއްމު ހައްގަކަށް ވުމުގެ އިތުރުން ފަގީރުކަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި އިންސާނީ ތަރައްގީ ހަލުވި ކުރުމަށް ކޮންމެގެން މުހިއްމު ހައްގެއް،" މަޝްރޫއާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ކޯޑިނޭޓަރު އެޑްރޫ ކޮކްސް ވިދާޅުވި ކަމަށް ޓްރާންސްޕޭރަންސީ އިން ނެރުނު ބަޔާނެއްގައިވެ އެވެ.