29 May 2012, 16:05
ރ. ދުވާފަރު ފާނަ މަސްވެރިކަން ކުރާ ދޯންޏަކުން ނުވަ ކިލޯގެ މާވަހަރެއްހޮވައިފި އެވެ.
ސަތާރަ މީހުންނާ އެކު ފާނަ މަސްވެކަމަށް ނިކުތް ދުވާފަރު ދޯނިން ހޮވީ ނުވަ ކިލޯގެ ބަރުދަން ހުރި ހުދަންބަރު މާވަހަރެކެވެ.
ދުވާފަރު ކައުންސިލް މެމްބަރު އަލީ މުހައްމަދު މިއަދު ވިދާޅުވީ އެ މީހުން މާވަހަރު ހޮވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އެ ދޯންޏަކީ ވަރަށް ފަހުން ފާނައިގެ މަސްވެރިކަން ކުރަންފަށާފައިވާ ދޯންޏެއް ކަމަށެވެ.
"އެބޭފުޅުން މާވަހަރު ހޮވީ އާދިއްތަ ދުވަހު. ގާތްގަނޑަކަށް އެ ދޯނި މަސްވެރިކަމުގައި އުޅޭތާ އަދި ވާނީ ގާތްގަނޑަކަށް ދެމަސް ވަރު،" މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެދޯނި މާވަހަރު ހިފައިގެން މާލެ އައުމަށް ފުރާފައިވާ ކަމަށެވެ.
ދުވާފަރު ދޯނި މާވަހަރު ހޮވާފައިވާ އިރު މިދިޔަ މަހުގެ ތެރޭގައި ނައިފަރު ނަސްރު ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް ވެސް ވަނީ 20 ކިލޯ އަށް ވުރެ ބަރުދަން ހުންނަ ހުދަންބަރު މާވަހަރެއް ހޮވައިފަ އެވެ. އަދި އެ މާވަހަރު ބަހާނެ ގޮތަކާ މެދު ކެޔޮޅާއި އޮޑިވެރިމީހާ ދެބަސްވުމުން މައްސަލަ ނިންމާފައި ވަނީ ކޯޓުންނެވެ.