ރައްޔިތުންގެ މަޖިލީހާއި ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު ގުޅުން ބަދަހި ކުރުމާގުޅޭ ގޮތުން, ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސްއާ މިއަދު މަޝްވަރާކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، މި މަޝްވަރާކުރިއަށް ގެންދިޔައީ އެ އިދާރާގައި ޔުގަންޑާގެ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް، ރިޓަޔާޑް ތޯމަސް ތަޔެބްވާއާއި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.

މަޖިލީހުގެ އިދާރާއަށް ތަޔެބްވާ ކުރެއްވީ ޒިޔާރާތުގައި މަޖިލީހުގެ އިދާރާގެ މަސައްކަތްތަކާ ބޭހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި މަޖިލީސް ބައްލަވާލެއްވި ކަމަށް އެ އިދާރާއިން ބުންޏެވެ.

ރިޓަޔާޑް ތޯމަސް ތަޔެބްވާ މަޖިލީސް ބައްލަވާލައްވަނީ -- ފޮޓޯ/މަޖިލިސް

މީގެއިތުރުން، ތަޔެބްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްއާވެސް މިއަދު ބައްދަލުކުރެއްވިއެވެ. އަދި، މިއަދު ހަވީރު އޭނާ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްކުރެއްވިއެވެ.

ތޯމަސް ތަޔެބްވާ ޚާރިޖީ ވަޒީރު މޫސާ ޒަމީރާ ބައްދަލޖުކުރައްވަނީ-- ފޮޓޯ/މަޖިލިސް

މިދިޔަ ބުރާސްފަތި ދުވަހު ތަޔެބްވާ ރާއްޖެ ވަޑައިގަތީ އަސްލަމްގެ ދަޢުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައެވެ.

އަސްލަމްވަނީ މިމަހުގެ އެއްވަނަ ދުވަހު ޔުގަންޑާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވެސް މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ޔުގަންޑާގައެވެ. އެ ދަތުރުފުޅަކީ ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްގެންދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77)ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.