ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ނަންފުޅެއް ސަރުކާރުންނާއި ކޮމަންވެލްތުން ގަބޫލްކޮށްފި އެވެ. މިކަން ވަނީ ސަރުކާރުން ވެސް ކަށަވަރުކޮށްދީފަ އެވެ.

ސަން މީޑިއާ ގްރޫޕަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދު ފޮނުއްވާފައިވާ ނަންފުޅަކީ މަރިޔަމް މަނާލް ޝިހާބް ކަމަށެވެ. މަނާލް އަކީ ރައީސް ނަޝީދު ސަރުކާރުގެ ކެބިނެޓް މިނިސްޓަރުކަން ކުރެއްވި މ. ބަގީޗާގޭ މުހަންމަދު ޝިހާބުގެ ދަރިކަބަލެކެވެ. އެކަމަނާ ކުރިން ހުންނެވީ ނަޝީދުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ލީގަލް އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ އޮފިޝަލު ވިދާޅުވީ ރައީސް ނަޝީދުވ ފަރާތުން ފޮނުއްވެވި މަނާލްގެ ނަންފުޅު ސަރުކާރުންނާއި ކޮމަންވެލްތުގެ ސާ ޑޮނަލްޑް މެކެނަން ވެސް ގަބޫލްކުރައްވާފައިވާ ކަމަށެވެ.

" ރައީސް ނަޝީދުގެ ފަރާތުން އިންކުއަރީ ކޮމިޝަންގައި ހިމެނުއްވުމަށް އެންމެފަހުން ފޮނުއްވެވި ނަންފުޅު ސަރުކާރުން އަދި ކޮމަންވެލްތުން ވެސް މިހާރު ވަނީ ގަބޫލްކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

މަނާލްގެ ނަންފުޅުގެ ކުރިން ރައީސް ނަޝީދު ވަނީ އިންކުއަރީ ކޮމިޝަނުގައި ހިމެނުއްވުމަށް 10 ނަމެއް ފޮނުއްވާފަ އެވެ. އެގޮތުން މީގެކުރިން ފޮނުއްވި ނަންފުޅުތަކަކީ ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި، ނަޝީދުގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމާއި، ޔޫތު މިނިސްޓަރު ހަސަން ލަތީފާއި، އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހަންމަދާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކުރީގެ މެމްބަރު އިބްރާހިމް ސަލީމު ހިމެނިވަޑައިގެންނަވަ އެވެ. ނަމަވެސް ސަރުކާރުން އެނަން ފުޅުތައް ގަބޫލުކޮށްފައިނުވަނީ އެ ބޭފުޅުންގެ ޝަރުތު ހަމަނުވާތީ އެވެ.'

އިންކުއަރީ ކޮމިޝަންގައި ރައީސް ނަޝީދުގެ ފަރާތުން ކަނޑައަޅުއްވާ މެންބަރެއްގެ އިތުރުން ސަރުކާރުގެ ތިން މެންބަރަކާއި ސިންގަޕޫރުގެ ކުރީގެ ފަނޑިޔާރަކު ހިމެނިވަޑައިގެންނަވަ އެވެ.

ނަމަވެސް އެމްޑީޕީގެ ސްޕޯކްސްޕާޝަން އިމްތިޔާޒު ފަހުމީ ދެންމެ ރާއްޖެ ޓީވީއަށް ދެއްްވި އިންޓަވިއެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ނަންފުޅެއް ފޮނުއްވިކަން އަދި އެނގިފައިނުވާ ކަމަށާއި އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.