29 May 2012, 15:00
މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް ދާއިމީ ފައިނޭޝަނަލް ސުކީމެއް ތައާރަފުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހުށައެޅި ޕެޓިޝަނަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެ ދަރިވަރުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު ބައްދަލު ކުރައްވައިފި އެވެ.
ޕެޓިޝަން ހުށައެޅުމުގައި އިސްކޮށް ހަރަކާތްތެރިވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު މޫސާ ނައިމު ބުނީ މިއަދުގެ ބައްދަލުވަމަކީ ދަރިވަރުން މިދިޔަ މަހު ރައީސް އޮފީހަށް ހުށައެޅި ޕެޓިޝަނާ ގުޅޭ ގޮތުން ރައީސް އޮފީހުން އިތުރު މައުލޫމާތު ހޯދުމަށް އެދި ބޭއްވި ބައްދަލުވުމެއް ކަމަށާއި އެބައްދަލުވުމުގައި ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު( ޓޯޕީ) ބައިވެރިވެވަޑައިގެން މައުލޫމާތު ސާފުކުރެއްވި ކަމަށެވެ.
މޫސާ ނައީމު ބުނީ މިއަދުގެ ބައްދަލުވުމުގައި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ދިމާވާ އެކި މައްސަލަތައް އެޑްވައިޒަރު ޓޯޕީ އާއި ހިއްސާ ކުރެއްވި ކަމަށާއި ޓޯޕީ އާއި ހަވާލާދެއްވާ މޫސާ ނައީމު ބުނީ ގިނަ އަދަދެއްގެ ކުދިން ޕެޓިޝަނެއް ހުށައަޅާނީ އެކަމުގައި ސަބަބުތަކެއް ހުރެގެން ކަން ރައީސް ފާހަގަކުރެއްވި ކަމަށާއި އެ ޕެޓިޝަން ދިރާސާ ކުރުމަށް ފަހު ދަރިވަރުންގެ ހުށައަޅާފައިވާ ކަންކަމާ މެދު ސަރުކާރުން ވިސްނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"ތައުފީގު ވިދާޅުވީ ރައިސް ވިދާޅުވެގެންނޭ ބައްދަލުކުރީ. މިބައްދަލުކުރުމަކީ ޕެޓިޝަނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ރައީސަށް ބޭނުންވާތީ ދަރިވަރުންގެ ހުށައެޅުންތައް ނޯޓްކޮށްލަން ބޭނުންވާތީ ކަމަށް، ވިދާޅުވީ. އެހާ ގިނަ އަދަދެއްގެ ދަރިވަރުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ހުށައެޅުނުކަމީ ދަރިވަރުންގެ ކޮންސާން ހުރިކަމެއް ކަމަށް. މާޒީ އެގޮތަށް އަޅާނުލި ކަމުގައި ވިޔަސް މިފަހަރު ހައްލެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި،" މޫސާ ނައީމު ބުންޏެވެ.
މިދިޔަ މަހު ކޮލެޖްތަކުގައި މަތީ ތައުލީމް ހާސިލް ކުރާ 1507 ދަރިވަރުން ސޮއިކޮށް ރައީސް އޮފީހަށް ހުށައަޅާފައިވާ ޕެޓިޝަނުގައި ބުނަނީ 2010 ވަނަ އަހަރުން ފެށިގެން މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ދެމުން ދިޔަ ހިލޭ އެހީ ކަނޑާލާފައިވާ ކަމަށާއި ބެންކް މެދުވެރިކޮށް ލޯނު ދޫކުރުމުގެ ސިޔާސަތެއް ކަނޑައެޅުމުގެ ސަބަބުން މަތީ ތައުލީމް ހާސިލް ކުރަން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރުމުގައި އެކަށީގެންވާ އުސޫލުތަކެއް ނެތުމުން ދަރިވަރުނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުން ވަނީ މިދިޔަ އަހަރު ވެސް ފައިނޭޝަލް ސްކީމެއް ކަނޑައަޅައި ދިނުމަށާއި ޕޮކެޓްމަނީ ދިނުމަށް އެދި ކުރިގެ ރައީސް ނަޝީދަށް ވެސް ޕެޓިޝަނެއް ހުށަހެޅި އެވެ.