29 May 2012, 14:45
އޮފީހަށް ނުނިކުންނަވާ ދުސްދުވަހަށް ކައުންސިލަރުންނަށް މުސާރަ ނުދޭގޮތަށް ކައުންސިލްތަކުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސް އެގޮތަށް އަމަލު ކުރަން ހުރިހާ ކައުންސިލްތަކަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ މެންބަރު އަހުމަދު ފައިސަލް މިއަދު ވިދާޅުވީ ގާނޫނުގެ ރޫހަށް ބަލާއިރު ކައުންސިލަރުންގެ ވަޒީފާއަކީ ފުލްޓައިމް ވަޒީފާއެއް ކަމަށާއި އެހެންކަމުން ފުލްޓައިމް ވަޒީފާ އަދާކުރާ ހުރިހާ މީހުންނާ މެދު އަމަލުކުރާ ގޮތަށް ކައުންސިލަރުނަށްވެސް އެގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ސިވިލްސާވިސް މުވައްޒަފުންނަށް މުސާރަ ދިނުމާއި ޗުއްޓީ ދިނުމާއި އަދި ސަލާމް ބުނުމުގައި އެ މުވައްޒަފުން އަމަލު ކުރާ އުސޫލު ކައުންސިލަރުންގެ މައްޗަށް ވެސް ހިންގަންޖެހޭކަމަށް ފެންނާތީ އެގޮތަށް އަމަލުކުރުން ލާޒިކޮށް ކައުންސިލްތަކުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން ގަވާއިދަށް ގެނެވުނު އެ އިސްލާހުތަކަށް އަމަލު ކުރުމަށް ހުރިހާ ކައުންސިލްތަކަށް ސާކިއުލާއަކުން އަންގާފައިވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން ރައްޔިތުމީހާއަށް ވެސް މަސްލިބެނީ މަހަށް ދިޔައިއްޔާ. އެހެންވީމާ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި އައްޔަންކުރެވޭ ކައުންސިލަރަށް ކައުންސިލަރުގެ ގެ ޒިންމާ ފުރިހަމަ ނުކުރާ ހާލަތުގަ ފަންނަމަސް [މުސާރަ] ލިބޭނެގޮތް ހަމަޖެހިފައި އޮތުމަކީ އެއީ ހަމަޖެހޭ އުސޫލަކަށް ނުވާނެ. މިއުސޫލު ގަވާއިދުގެ ތެރެއަށް އިތުރުކޮށް ހުރިހާ ކައުންސިލްތަކަށް ވަނީ އަންގާފަ،" ފައިސަލް ވިދާޅުވި އެވެ.
ކުއްލި ބައްދަލުވުމަކުން ކައުންސިލްގެ ރައީސްއާއި ނާއިބް ރައީސް ވަކިނުކުރެވޭގޮތަށް ކައުންސިލްތަކުގެ ހިންގާ ގަވާއިދު އިސްލާހުކޮށް އެގޮތަށް އަމަލުކުރުމަށް ވެސް މިއަދު ސާކިއުލާ މެދުވެރިކޮށް އަންގާފައިވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ބަލެއް ގެނައީ ކުއްލި ބައްދަލުވުމެއް ބާއްވައި ކައުންސިލްތަކުގެ ރައީސް އާއި ނާއިބް ރައީސް މަގާމުން ވަކިކުރުމުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތަށް ހުރަސްއެޅި މުޅި ނިޒާމް ބައިބައިވެ ކައުންސިލްގެ ތެރޭގައި ބައިބައިވުން އުފެދެމުންދާތީ އެކަންކަން ހައްލުކުރުމަށްޓަކައި ކަމަަށެވެ. އަދި ވިދާޅުވީ މިގޮތަށް ކައުންސިލްގެ ހިންގާ ގަވާއިދަށް ބަދަލުގެނެސްފައި ވަނީ ފާއިތުވި 15 މަސްދުވަހުގެ ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށެވެ.
ދަރުސްތަކަށް ހުރަސް އެޅުމަށް ބައެއް ކައުންސިލްތަކުން މަސައްކަތް ކުރާކަމުގެ ވާހަކަތަކެއް ދެކެވިފައިވާ މިދަނޑިވަޅުގައި ފައިސަލް ވިދާޅުވީ ބައެއް ކައުންސިލަރުން ދަރުސްތަކަށް ހުރަސްއަޅާ ކަމުގެ ޝަކުވާތަށް އެ އޮތޯރިޓީއަށް ލިބެމުންދާކަމަށެވެ. އަދި އެގޮތަށް އަމަލުނުކުރުމަށް އޭނާ ވަނީ ކައުންސިލަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
"އިސްލާމްދީނުގެ ޝިޔާރު އުފުލާ އިސްލާމީ ވަހުދަތު މަތިވެރި ކުރުމަށްޓަކައި އެކިފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް ބައެއް ކައުންސިލްތަކުން މަސައްކަތްކުރާއިރު. ބައެއް ރަށްރަށުގެ ބޭފުޅުން މަސައްކަތް ކުރާއިރު އެދެވޭގޮތެއްގައި އަމަލު ނުކުރާއިރު. އެބޭފުޅުންގެ ބައިވެރިނުވުން. ތަކުރާރު ނުކުރުމަށް އިންލްތިމާސް ކުރަން،" ފައިސަލް ވިދާޅުވި އެވެ.