ގައުމީ އިނާމު ދިނުމުގެ އުސޫލަށް ގެނައި ބަދަލުތަކާ އެކު ގައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ އެކެއްގައި ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ގައުމީ އިނާމު ކޮމިޓީގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އިނާމު ކޮމިޓީގެ ޗެއާމަން އަބުދުއްރަޝީދު ހުސައިން ވިދާޅުވީ މިފަހަރު ގައުމީ އިނާމަށް ނަން ހުށައަޅުއްވާ ވަކިވަކި ފަރުދުންނަށް ގައުމީ އިނާމު ދިނުމަށް ކުރިން ހަމަޖައްސާފައިވާ މުއްދަތު ކަމަށް ބަލާ 10 އަހަރުގެ ބަދަލުގައި އެ މުއްދަތު ހަތް އަހަރަށް ބަދަލުކުރުމަށް ފަހު އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

ގައުމީ އިނާމު ކޮމިޓީން ބުނެފައި ވަނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އިނާމު ދިނުމުގައި ބެލެވޭނެ ދާއިރާތަކުން ކަނޑައެޅޭ ރޮނގުތައް ތަފްސީލުކޮށް އެނގެން އޮންނާނެ ކަމަށާއި ކުރިން އެއް ދާއިރާއެއްގެ ގޮތުގައި އިނާމު ދެމުން ދިޔަ ދިވެހި ތާރީހާއި ތަރިކަ އާއި ސަގާފަތުގެ ދާއިރާ ވަކި ތިން ދާއިރާ އަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ރައީސުލްޖުމުހުރިއްޔާ ދެއްވާ ހާއްސަ އިނާމު ވޭތުވެ ދިޔަ ތިން އަހަރު ނުދީ މެދުކަނޑޑާލި ނަމަވެސް މި އަހަރު އެފަރާތްތަކަށް އިނާމުދިނުމުގެ އިތުރުން އިނޮވެޝަންގެ ދާއިރާ އިން ވެސް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރުގެ ޖުމުހޫރީ ދުވަހު ގައުމީ އިނާމު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކީރީތި ގުރުއާން ކިޔެވުމާއި އުގަންނައި ދިނުމާއި އިސްލާމް ދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު އުގަންނައި ދިނުމާއި ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ތާރީހާއި ދިވެހި ސަގާފަތާއި އާދަކާއާއި ގައުމީ ތަރިކައާއި ތައުލީމީ އާއި ސިއްހީ ދާއިރާ އާއި ގާނޫނީ ދާއިރާއާއި އިންސާނީ ހައްގުތައް ދިރުވައި ކުރިއެރު އާއި ދައުލަތުގެ ގަވަނާސް ހަރުދަނާ ކުރުމާއި ތިމާވެށިގެ ދާއިރާއާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި އާދަޔާ ހިލާފު ހިތްވަރުގަދަކަމުގެ ރޮގާއި އިޖުތިމާއި ހިދުމަތާއި ވިޔަފާރި އާއި އިގުތިސާދާއި ކުދި އަދި މެދުފަންތީގެ ވިޔަފާރީއާއި ބިލްޑިންގުގެ ދާއިރާ އާއި އިމާރަތްކުރުމާއި ފަރުމާކުރުމާއި ދަތުރުފަތުރާއި މުވާސަލާތާއި ހަބަރާއި މައުލޫމާތު ފެތުރުމާއި ކުޅިވަރުގެ ދާއިރާއާއި ވިޒުއަލް އާޓުގެ ދާއިރާއާއި ޕާފޯމިން އާޓުގެ ދާއިރާގެ އިތުރުން އެޕްލައިޑް އާޓުސްގެ ދާއިރާ އެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނީ ގައުމީ އިނާމު ކޮމިޓީ އަށް ނަން ހުށައެޅުމުގެ ފުރުސަތު ހަމަވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުހުގެ ނިޔަލަށް ކަމަށާއި ނަން ހުށައަޅަން ޖެހޭނީ ރައީސް އޮފީހުން ދޫކުރާ ފޯމެއް ފުރިހަމަކުރުމަށް ފަހު އެ މުއްދަތުގެ ތެރޭގައި ރައީސް އޮފީހަށް ކަމަށެވެ.