ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދަކަށް މަދުވެގެން އެއް ރެސްކިއު ޑައިވަރު ތަމްރީނުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މަސައްކަތް ފެށީ ގދ. މަޑަވެލީގައެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ ހަފުތާ14ގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭ ފަށަން ނިންމައިފައި އޮތް ކަމެކެވެ.

މި ޕްރޮގްރާމްގެ މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މިއަދު މަޑަވެލީގައި މި ފެށުނީ މި ޕްރޮގްރާމްގެ އެންމެ ފުރަތަމަ ބެޗު ތަމްރީނުކުރުމުގެ މަސައްކަތް ކަމަށެވެ.

މަސްދޯނިފަހަރުގައި ރެސްކިއު ޑައިވަރުން ތަމްރީނުކުރަން ފެށުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ވެސް ރެސްކިއު ފެންވަރުގެ ޑައިވަރެއް ހުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެންވެރިކަން ކުރާއިރު މަސްވެރިން އެބަ ޑައިވްކުރޭ. އަދި ޑައިވްކުރާއިރު ވަރަށް ހިތްދަތި ހާދިސާތައް ވެސް އެބަ ހިނގާ. އޭގައި އަޅުގަނޑުމެންނަށް އެނގުނު އެއްޗަކީ އެ ޓްރެއިނިން ނެތި ޑައިވްކުރާކުރުމުގައި އޭގައި ވަރަށް ބޮޑު ބައެއް އެބަ އަދައިކުރެޔޭ. އެހެންވެ އަސްލު ރެސްކިއު ޑައިވަރެއް ކޮންމެ ދޯންޏެއްގައި ހުރުމަކީ މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ޕްރޮގްރާމް ނިމޭއިރު، އެ މީހަކަށް ޑައިވިންގައި ކުރިމަތިވާ ހާދިސާތަކަށް އެޓެންޑުވާނެ ގޮތް ދަސްކޮށްދޭނެކަމަށެވެ. އަދި ޑީކޮމްޕްރެޝަން ޑައިވް ކުރެވި ކަމެއް ހިނގައިފިނަމަ އަވަސް ފަރުވާ ދޭނެ ގޮތް ވެސް ކިޔައިދޭނެކަމަށެވެ. އެގޮތުން އޮކްސިޖަން އެޑްމިނިސްޓަރުކުރާނެ ގޮތް ވެސް ކިޔައިދޭނެކަމަށް ވިދާޅުވިއެވެ.

މަސްދޯނިފަހަރުގައި ރެސްކިއު ޑައިވަރުން ތަމްރީނުކުރަން ފެށުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަމާޒަކީ ގިނަ ވެގެން ދެ އަހަރުގެ ތެރޭ މި މަސައްކަތް އެއްކޮށް ނިންމައި، މަސްވެރިއެއްގެ ލައިސަންސް ދޫކުރާއިރު މި ޓްރެއިނިން ފުރިހަމަކޮށްފައިހުރުން ޝަރުތެއްގެ ގޮތުގައި ހިމެނުން ކަމަށެވެ.

ޑައިވިން ފުޅި އަޅައިގެން އެން ހޯދަން ފީނާއިރު ދިމާވާ ނުރައްކާތެރި ހާދިސާތައް މީގެ ކުރިން ހިނގައި މީހުންގެ ފުރާނައަށް ނުރައްކާވެފައި އެބަހުއްޓެވެ. އެ ފަދަ ކަންކަން މަދުކޮށް، މަސްވެރިންނަކީ ތަމްރީނު ލިބިފައި ތިބި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.