ވައްކަން ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ވާދޫ ކައުންސިލްގެ ބެލުމުގެ ދަަށަށް ތިން މީހަކު ގެންގޮސްފި އެވެ.

ވާދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާޒު މިއަދު ވިދާޅުވީ އެ ތިން މީހުން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މީގެ ދެ ތިން ދުވަސް ކުރިން އެ ރަށުގެ ތެރޭގައި ހިނގި ތަފާތު ވައްކަންތަކެއްގެ މައްސަލަތަކެއްގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ކަމަށާއި އެ ކަމުގައި އެކަށީގެންވާ ވަރަށް ފުލުހުންގެ އެއްބާރުލުން ލިބިފައިނުވާ ކަމަށެެވެ.

"ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ތިން މީހަކު އެބަ ތިބި. ޕޮލިސް ރޭ ދަންވަރު މި ރަށަށް އައުމަށް މަސައްކަތް ކުރި ޕޮލިސް ލޯން ހަލާކުވެގެން އަތޮޅު ކައުންސިލްގެ ލޯންޗް ވެސް ހަމަޖައްސައިދިނިން. އެކަމަކު މިއަދު މެންދުރާ ހަމައަށް ވެސް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ،" ޝިޔާޒު ވިދާޅުވި އެވެ.

ވާދޫގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި ހިނގި ކަމަށް ކައުންސިލް އިދާރާ އިން ބުނާ ވައްކަންތަކުގެ ތެރޭގައި އެ ރަށު ކައުންސިލްގެ ރައީސް އިންނަވާ ކޮޓަރީގެ ވަލު ދޮރާށީގެ ތަޅު ހަލާކުކޮށްލައިގެން ވަންނަން މަސައްކަތްކޮށްފައިވާ މައްސަލައަކާއި އެ ރަށުގެ ތިން ގެއަކުން ގޭސްފުޅިތަކެއް ވަގަށް ނަގާފައިވާ މައްސަލައަކާއި އެ ރަށުގެ ގެއެއް ފަޅާލައިގެން އެ ގެއިން ގިނަ އެއްޗެހިތަކެއް ވަގަށް ނަގާފައިވާ މައްސަލައެއްގެ އިތުރުން އެެ ރަށު ބައެއް މީހުން ހައްދަމުން ދިޔަ ތަރުކާރީތަކެއް ވަގަށް ނެގި މައްސަލައެއް ހިމެނެ އެވެ.

ޝިޔާޒު ވިދާޅުވީ އެ ވައްކަންތަކާ ގުޅިގެން އެމީހުން ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތައް އެރަށުގެ ޒުވާންނާއި ކައުންސިލުން ގުޅިގެން ހޯދާފައިވާ ކަމަށާއި އެމައްސަލަތަކުގެ ތުހުމަތުގައި އެރަށުގެ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އިތުރު މީހަކު ހޯދަމުން އަންނަ ކަމަށެވެ.

"ގެއެއް ފަޅާލައިގެން އެގޭގައި ހުރި ގިނަ ސާމާނުތަކެއް ވަނީ ގެންގޮސްފައި. ވަގަށް ނަގާފައި ހުރި ހުރިހާ ސާމާނެއް މިހާރު ވަނީ ހޯދިފައި. ތުހުމަތުކުރެވޭ ތިން މީހުން ވަނީ އަތުލެވިފައި ނަމަވެސް ހޯދަމުން އަންނަ ހަތަރު ވަނަ މީހާ ވަލުތެރޭގައި ފިލައިގެން އުޅޭ ކަމަށް ވަނީ،" ޝިޔާޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ރަށުން އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ރަކީ ޕޮލިސް ސްޓޭޝަނެއް ހުންނަ ރަށަަކަށް ނުވާތީ އެ ރަށަށް ފުލުހުން ދިއުމުގައި ވަގުތު ކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމަށެވެ.