ގއ. ވިލިނގިލީ ގޯއްޗެއްގައި ހުރި ޒަމާންވީ ބަބުކެޔޮގަހެއް ކޮޅިގަނޑެއްގައި ރޭ ވެއްޓި، އެ ރަށުގެ ހަތަރު ގެއަކަށް ގެއްލުން ވެއްޖެ އެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ސައުދު ހުސެއިން މިއަދު ވިދާޅުވީ އެ ރަށު މިސްކިތް ހުންނަ މަގުގައި ހުރި ގެއެއްގައި ހުރި އެ ގަސް ވެއްޓިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އެ ރަށަށް އައި ބާރު ގަދަ ކޮޅިގަނޑެއްގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ހާދިސާގައި އެގެއާ ޖެހިގެން ހުރި ތިން ގެއެއްގެ ފާރު ވެއްޓި ބައެއް ގެތަކުގެ ފުރާޅުން ބައެއް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިގަހަށް ގާތްގަނޑަކަށް 40 އަށް ވުރެ ގިނަ އަހަރުވެދާނެ. ރޭ ވިއްސާރަވެ ގަދަ ވަޔާ އެކު ކަމަށް ބަލަނީ ގަސް ވެއްޓުނީ." ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ބަބުކެޔޮ ގަސް ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށާއި އެ ހާދިސާގައި ލިބުނު ގެއްލުންތައް ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް 45 މޭލަށް ވުރެ ބާރު މިނެއްގައި ވައިޖެހިފައިވާ އިރު ރޭ ގދ. ކާޑެއްްދޫއަށް 38 މޭލު ބާރު މިނުގައި ވައިޖެހިފައިވާ އިރު ރޭ ފަތިހު 37 މޭލު ބާރު މިނުގައި ވައިޖެހިފައިވާ ކަމަށެވެ. އެހެންވެ ވިލިގިއްޔަށް އެއަށް ވުރެ ބާރު މިނުގައި ވައިޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.