29 May 2012, 14:04
ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައިކޯޓަށް ވައްދާފައިވާ ބޯޑާ ކޮންޓްރޯލް މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި އިމިގުރޭޝަން ދިފާއު ނުކުރާ ކަމަށް ބުނެ ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާ މެދު ހިތްހަމަޖެހިވަޑައިނުގެން ރައީސުލްޖުމްހޫރިއްޔާ އަށް ޝަކުވާކޮށް ފޮނުއްވާފައިވާ ސިޓީއެއް ލީކުވެއްޖެ އެވެ.
ހަސަތޭކަ މިލިއަން ރުފިޔާގެ އަގުހުރި ބޯޑާ ކޮންޓްރޯލް ނިޒާމްގެ މައްސަލަ ހޫނުވެ، ކޮންޓްރޯލާ އިލްޔާސް މަގާމުން ދުރުކުރައްވާފައިވާ ދަނޑިވަޅެއްގައި ލީކުވި އެ ސީޓީއަކީ އިލްޔާސް ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކަށް މިދިޔަ އެެޕްރީލް މަހުގެ 16 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީ އެކެވެ. ދެ ސޮފްހާގެ އެ ސިޓީގައި އިލްޔާސް ވިދާޅުވެފައި ވަނީ ބޯޑާ ކޮންޓްރޯލް މައްސަލައިގައި އޭސީސީ އިން ގާނޫނީ ލަފާހޯދަމުން ގެންދަނީ އާޒިމާގެ މަސްލަހަތު އޮންނަ ލޯފާމެއް ކަމަށްވާ "އެވޮންގާޑް ލޯޔާޒް"ކިޔާ ކުންފުންޏަކުން ކަމަށާއި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ވެސް އަދި އެ މައްސަލައިގައި އޭސީސީން ގާނޫނީ ލަފާ ހޯދަނީ ވެސް އެ ފާމް އިން ކަމަށެވެ. އެއީ އާޒިމާގެ ކޮންފްލިކެޓް އޮފް އިންޓަރެސްޓް އޮންނަ ކުންފުންޏެއް ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފަ އެވެ.
"އަދި ދަށުކޯޓުގެ މަރުހަލާ އާއި މިހާރު ހައިކޯޓުގެ މަރުހަލާގައި ވެސް ގާނޫނީ ލަފަޔާއި އިރުޝާދު އޭސީސީން ހޯއްދަވަމުން ގެންދަވަނީ އާޒިމާ އާއި އޭނާގެ މަސްލަހަތު އޮންނަ ލޯފާމުންނެވެ. ވީމާ މިއީ ވަރަށް ބޮޑު މަސްލަހަތު ފުށޫއަރާ، ކޮންފްލިކެޓް އޮފް އިންޓަރެސް ހުރި ކަމެކެވެ. މިކަން ރޭވިފައި މިއޮތްގޮތުން މިހާރުގެ ބަންޑާރަ ނައިބު އާޒިމާގެ މަސްލަހަތު މިކަމުގެ ތެރޭގައި ފުންކޮށް ހިމެނޭނެ އެވެ،" ރައީސް ޑރ. ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިނާ އެއްބަނޑު އެއްބަފާ އިލިޔާސް ސޮއިކުރައްވައި ރައީސަށް ފޮނުއްވާފައިވާ ސިޓީގައިވެ އެވެ.
ނަމަވެސް ބަންޑާރަ ނައިބު އައިޝަތު އާޒިމާ މިއަދު މިއަދު ވިދާޅުވީ "އެވޮންގާޑް" ލޯފާމުން އެއްވެސް އިރެއްގައި އޭސީސީ އަށް އެ މައްސަލާގައި ލަފާދީފައި ނޯންނާނެ ކަމަށާއި އޭނާ ބަންޑާރަނައިބު ކަމާ ހަވާލުވެވަޑައިގަތީ އެ ކުންފުނިން ވަކިވުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ އެއީ މީހުންގެ އަބުރާ ބެހުން ކަމަށާއި ނަމަވެސް އެކަމާ މެދު އަޅުއްވާނެ ވަކި ފިޔަވަޅަކާ ދޭތެރޭ އަދި ވިސްނަވާފައި ނުވާ ކަމަށެވެ.
އާޒިމާ ވިދާޅުވީ ކިތަންމެ ބޮޑަކަށް އަދި އެއީ ކޮންމެ ފަރާތަކުން ކުރާ ޕްރެޝަރެއް ނަމަވެސް ކޮރަޕްޝަނަށް ކިތަންމެ ކުޑަ ނަމަވެސް ދުލެއް ނުދެއްވާނެ ކަމަށާއި އޭސީސީ އިން ބަލާ ކޮރަޕްޝަންގެ މައްސަލައެއް ހުއްޓުވުމަށް އެކަމަނާ ނުތެދުވާނެ ކަމަށެވެ.
އޭސީސީ އިން ބަލާ އެ މައްސަލާގައި އާޒިމާގެ މައްސަލަހަތު އޮތް ކަމަށް ތުހުމަތުކޮށް އިލްޔާސް ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް އިމިގުރޭޝަން ދިފާއުގައި ކޯޓުގައި ވާހަކަ ދައްކައި އިމިގުރޭޝަންގެ ކޮޅަށް ވަކާލާތުކުރާނީ ކިހިނަކުންތޯ ސިޓީގައި ވަނީ ސުވާލުއުފައްދަވާފަ އެވެ. އަދި ވިދާޅުވެފައި ވަނީ ކޯޓަށް ވަޑައިގަންނަވާ ސްޓޭޓް އެޓާނީ ވެސް އަދި ބަންޑާރަ ނައިބު ވެސް އިމިގުރޭޝަން ދިފާއުކުރައްވަމުން ނުދާ ކަމަށެވެ.
"މިހާތަނަށް އިމިގުރޭޝަނާ އެކު މަޝްވަރާ ކުރައްވާފައެއް ނެތެވެ. ގެންގުޅުއް ވަނީ އިމިގްރޭޝަނަށް ނުފެންނަ ސިއްރުލިޔުންތަކެކެވެ. ބަންޑާރަ ނައިބާއި މިކަމުގައި ކޯޓަށް ވަޑައިގަންނަވާ ސްޓޭޓް އެޓާނީ އިމިގުރޭޝަންގެ ފަރާތުން މި މައްސަލަ ދިފާއުކޮށްދެމުން ނުގެންދަވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި އޭސީސީއަށް ހަމްދަރުދީވާ ކަމާއި ގާނޫނީ ލަފަޔާއި އިރުޝާދު ދެމުން ގެންދަވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ،" ސިޓީގައިވެ އެވެ.
ސިޓީ ނިންމަވާލައްވާފައި ވަނީ އާޒިމާގެ އަމަލުތަކުގެ ސަބަބުން ދައުލަތަށާއި އިމިގުރޭޝަނަށް ބޮޑަތި ގެއްލުންތަކެއް ވެދާނެ ކަމަށް ބުނެ އާޒިމާގެ ބަންޑާރަ ނައިބު ކަމުގެ ދަށުގައި އެފަދަ މައްސަލަތައް ކޯޓު މަރުހަލާގައި އިންސާފުވެރިގޮތަކަށް ނިމިގެންނުދާނެ ކަމަށްބުނެ އެކަމާ މެދު ރައީސް ވިސްނުމަށް އެދިވަޑައިގެންނެވެ.
"މިއީ ދައުލަތަށާއި ދައުލަތުގެ އިމިގުރޭޝަނަށް ގެއްލުންތަކެއް ވެދާނެ ކަމަކަށްވާތީ މި ކަންތައްތައް ފާހަގަކޮށް މަނިކުފާނުގެ ވިސްނުންފުޅަށް ދަންނަވާލީމެވެ. އާޒިމާގެ ބަންޑާރަ ނައިބުކަމުގެ ދަށުގައި މިފަދަ ފުށޫއަރާ މައްސަލަތައް އިންސާފުވެރިކޮށް ދައުލަތުގެ ފަރާތުން ދިފާއުކޮށް ދެވޭނެކަމަށް ގަބޫލުނުކުރެވޭ ވާހަކަވެސް ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެފައިވަނިކޮށް އެ މައްސަލަ ހޫނުވީ އެ މަޝްރޫއު ހިންގާ ނެކްސްބިޒް އިން 60 ހަށް ވުރެ ގިނަ ލެޕްޓޮޕް އެތެރެކޮށް އިމިގުރޭޝަންގެ މުވައްޒަފުންނަށް ބަހާފައިވާ މައްސަލަ އޭސީސީން ބަލަން ފެށުމުންނެވެ.
ބޮޑާ ކޮންޓްރޯލްގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މެލޭޝިޔާގެ ނެކްސް ބިޒާ އެކު އިމިގްރޭޝަނުން ސޮއި ކުރީ އެ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އޭސީސީ އިން އެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ބުނެފައި ވަނިކޮށެވެ.
ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ނެކްސް ބިޒާ ހަވާލުކޮށްފައި ވަނީ 25 އަހަރުވަންދެން ރާއްޖެ އަންނަ ކޮންމެ މީހެއް އަދި ފުރާ ކޮންމެ މީހެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނަގާ ގޮތަށެވެ. އަދި ވިސާ ހައްދައި އަދި އާ ކުރާ ކޮންމެ މީހެއްގެ އަތުން 15 ޑޮލަރު ނަގާ ގޮތަށެވެ. އެ ރޭޓުން ބަލާ އިރު 22 އަހަރަށް ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން ނެކުސް ބިޒަށް 88 މިލިއަން ޑޮލަރު ލިބޭނެ އެވެ.