29 May 2012, 13:27
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހްގީގު ހިންގުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ނަމެއް ހުށަހެޅުމަށް ސަރުކާރުން ވަނީ ފުރުސަތު ދީފަ އެވެ. މިހާތަނަށް 10 ނަމެއް ރައީސް ނަޝީދުގެ ފަރާތްޕުޅުން ފޮނުވާފައިވާ އިރު ސަރުކާރާ އެކު އެއްބަސްވެސްފައިވާ ޝަރުތުތައް ހަމަވާ ބޭފުޅެއްގެ ނަން އެމްޑީޕީން ފޮނުވާފައި ނެތުމުން ސިޔާސީ ފަރާތްތަކުން މާނަ ނަގަނީ އެކި ގޮތް ގޮތަށެވެ.
ބައެއް ފަރާތްތަކުން ބުނަނީ ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ބޭފުޅެއްގެ ނަން އެމްޑީޕީ އިން މިހާތަނަށް ފޮނުވާފައި ނުވަނީ އިންކުއަރީ ކޮމިޝަނަށް އެއްބާރުލުން ދޭން ބޭނުން ނުވާތީ ކަމަށެވެ. ނޫނީ އެ ތަހްގީގާ މެދު ސުވާލު އުފައްދަން ބޭނުންވާތީ ކަމަށެވެ. ސަރުކާރުން ވެސް ގަބޫލު ކުރަނީ އެގޮތަށެވެ؛ ކޮމަންވެލްތުގެ ސީމެގާއި ސަރުކާރާއި ނަޝީދާ ތިން ފަރާތުން އެއްްބަސްވެފައިވާ، ޝަރުތު ހަމަވާ މީހަކު އެމްޑީޕީ އިން ނުވަތަ ނަޝީދުގެ ފަރާތްޕުޅުން ނުފޮނުވައި ތަފާތު ބަހަނާތައް ދައްކަމުން އަންނަނީ އިންކުއަރީ ކޮމިޝަންގެ މަސައްކަތް"ދިގު ދައްމާލަން" ކުރާ ކަމެއް ކަމަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ތުހުމަތު ކުރެ އެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކަރަޓަރީ އައްބާސް އާދިލް ރިޒާ ވިދާޅުވީ އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްފުޅުން އައްޔަން ކުރާ ބޭފުޅެއްގެ ހުންނަ ޖެހޭ ޝަރުތުތަކީ ނަޝީދާއި ސަރުކާރާ ދެމެދު އެއްބަސް ވެފައިވާ ޝަރުތުތަކެއް ކަމަށެވެ. އެހެން ކަމުން ސަރުކާރުން ދެކޭ ގޮތުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ޝަރުތު ހަމަވާ ބޭފުޅެއްގެ ނަން ހެޅުއްވުމަށް ނަޝީދު އުޒުވެރިވެވަޑައިގަންނަވަނީ ތަހްގީގަށް އެއްބާރުލުން ނުދެއްވައި އެ މައްސަލަ ދިގު ދެއްމުމަށް ކަމަށް އައްބާސް ވިދާޅުވި އެވެ.
"ކުރައިޓީރީއާ ހަމަ ރަނގަޅަށް އެބައެނގޭ. އެކަން އެނގެން އޮއްވައި ޖެއްސުން ކުރަން އެއީ. ނުވަތަ ކޮމިޝަނަށް ހުރަސް އެޅުވުމަށް އެ މަސައްކަތް ކުރައްވަނީ،" ކޮމިޝަނަށް ނަޝީދު ހުށަހަޅުއްވާ ޝަރުތު ހަމަނުވާ ބޭފުޅުންނާ ބެހޭ ގޮތުން އައްބާސް ވިދާޅުވި އެވެ.
ސަރުކާރުގެ ވާހަކަތައް އެގޮތަށް ހުރި އިރު، އެމްޑީޕީ އިން ދައްކަނީ ތަފާތު ވާހަކައެކެވެ. އެ ޕާޓީން ބުނަނީ ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު އިންކުއަރީ ކޮމިޝަނަށް ހަމަޖެއްސުމަށް ޝަރުތުތަކެއް ކަނޑައެޅުމަކީ"ޖޯކެއް" ކަމަށެވެ. ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ކޮމިޝަނަށް ހަމަޖެއްސުމުގެ ފުރުސަތު ދިނުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ކަނޑައަޅުއްވާ ބޭފުޅެއްގެ ޝަރުތު ސަރުކާރުން ކަނޑައެޅުމަކީ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ.
ހަމަ އެހެންމެ އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އެފެއާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލްޣަފޫރު ވެސް ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކާއި ބައިނަލްއަގުވާމީ ބައިވެރިވުން އޮންނަ ގޮތަށް ކޮމިޝަން ބަދަލުކުރުމަށް އެއްބަސްވުމުން އެ ކޮމިޝަން މިހާރު މިނިވަން ވެފައިވާ ކަމަށެވެ. ނަމަވެސް އެކޮމިޝަނަށް ބޭފުޅަކު އައްޔަކުރާ އިރު ނަޝީދު ބޭނުންވާ ބޭފުޅެއްގެ ނަން ހުށަހެޅެން ޖެހޭނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. ޝަރުތަކީ އޮންނަން ޖެހޭނެ އެއްޗެއް ކަމަށް ހާމިދު ވެސް ދެކިވަޑައެއް ނުގަންނަވަ އެވެ.
"ކޮމަންވެލްތުން އިޖާބު ދިނުމަށް އިންކުއަރީ ކޮމިޝަން މިނިވަންކުރާ އިރު އެއް ފާރާތުން އޭގައި ޝަތުރުތައް މި ކަނޑައަޅަނީ، އެ މައްސަލަ މި ދިމާވަނީ،" ހާމިދު ވިދާޅުވި އެވެ.
އެމްޑީޕީން ދައްކާ ވާހަކަތައް މުޅިން ދޮގު ވާހަކަތަކެކޭ ނުބުނެވޭނެ އެވެ. އެހެން ނަމަވެސް ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ބޭފުޅެއްގެ ނަމެއް ހުށަހެޅުމުން އެއިން އެމްޑީޕީ އަށް އޮތީ ކޮން ގެއްލުމެއް ހެއްޔެ އެވެ. ޝަރުތު ހަމަވާ ބޭފުޅެއްގެ ނަން ހުށަހެޅުމަށް އެމްޑީޕީ އިން ފަސް ޖެހެނީ ސަރުކާރުން ބުނާ ގޮތަށް ތަހްގީގު ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށް ބެލެވިދާނެ އެވެ. މިއީ އިންކުއަރީ ކޮމިޝަނުގެ ނިމުން އަންނަ ގޮތް ބެލުމަށް ޝައުގުވެރިވާ ބައެއް މީހުން ދެކޭ ގޮތްވެސް މެ އެވެ. ނަމަވެސް އިންކުއަރީ ކޮމިޝަންގައި ތިބެން ޖެހޭނީ ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅުންނަށް ވުން ފަދަ ޝަރުތުތައްކޮށްފައި ވުމަކީ އިންކުއަރީ ކޮމިޝަނަށް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު އައްޔަން ކުރުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށް ބުނެ އެމްޑީޕީ އަށް ވާހަކަ ދައްކަން ލިބުނު ފުރުސަތެއް ކަމަށް ބައެއް މީހުން ދެކެ އެވެ.
ކޮންމެ ގޮތަކަށް އެކަން ތަރުޖަމާ ކުރިއަސް، ކޮމަންވެލްތްގެ ލަފާގެ މަތިން، ނެޝަނަލް އެންކުއަރީ ކޮމިޝަންގެ ގަވާއިދު އިސްލާހުކޮށް ބޭރުގެ ފަނޑިޔާރެއް ކޮމިޝަނުގެ ކޯ-ޗެއާ އަކަށް ލުމަށް ސަރުކާރުން އެއްބަސްވުމަކީ ސަރުކާރުން ދިން ދުލަކަށް ވެސް ބެލެވިދާނެ އެވެ. އަދި އަނެއް ބަޔަކަށް އެއީ، ސަރުކާރަށް ޕްރެޝަރަށް ކެތް ނުކުރެވިގެން ކުރަން ޖެހުނު ކަމެއް ކަމަށް ވެސް ތަރުޖަމާ ކުރެވިދާނެ ކަމެކެވެ. އަދި ހަމަ އެހެންމެ ނަޝީދު މި ފަހަރު ދައްކަވާ ބަހަނާއަކީ "ކޮމިޝަނުގެ މަސައްކަކަތް ދިގު ދައްމާލަން" ކުރައްވާ ކަމެކޭ ބުނުމުގެ ފުރުސަތު ވެސް އޮތް ކަމެކެވެ. އެހެނީ ކޮންމެ ވެސް ވަރެއްގެ ފެންވަރެއް އަދި ވަކި ފަރާތަކަށް ނުޖެހި މައްސަލައިގެ ތެރެއަށް ފީނައިގެން ނޫނީ ހަގީގީ ނަތީޖާ ނުނެރެވޭނެ ކަން ވެސް ގަބޫލު ކުރަން ޖެހެ އެވެ.