29 May 2012, 12:03
ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ޝޮޕިން މޯލެއްގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާއެއްގައި 19 މީހުން މަރުވެއްޖެ އެވެ.
ގަތަރުގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ މަރުވި މީހުންގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭ އިރު އޭގެ ތެރޭގައި އުމުރުން އެންމެ ތިން އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.
ކުރިއަރަމުން އަންނަ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެންމެ ރީތި އެއް ޝޮޕިން މޯލް ކަމަށްވާ ވިލާޖިއޯގައި މި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގައުމުގެ އެފަދަ ޝޮޕިންމޯލްތަކުގެ ސަލާމަތީ ކަންކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ގަތަރުގެ އިންޓީރިއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚު އަބުދުﷲ ބިން ނާސިރު އައް ސާނީ އާ ހަވާލާދީ އޭޕީ ބުނީ އަލިފާނުގެ ހާދިސާގައި މަރުވި ބައެއް ކުދިން މަރުވެފައި ވަނީ ފަޔަ އެންޑް ރެސްކިއު މީހުން އަލިފާން ރޯވި ޝޮޕިން މޯލްގައި ހުރި ޗައިލްޑް ކެއާ ސެންޓަރަށް ވަންނަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
އަލިފާނުގެ ހާދިސާގައި މަރުވި ކުދިންގެ ތެރެއިން ހަތަރު ކުދިންނަކީ ސްޕެއިން ކުދިން ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މަރުވި ތިން އަހަރުގެ ކުއްޖާއަކީ ފަރަންސޭސިވިލާތުގެ ކުއްޖެއް ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް އޯވަސީސް ފްރެންޗް ސިޓިޒަންގެ ޑެޕިއުޓީ މިނިސްޓަރް ޔެމިނާ ބެންގުއިގުއި އާ ހަވާލާދީ އޭޕީން ބުންޏެވެ.
"އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަގަށް މަސައްކަތް ކުރިން، ނަމަވެސް އަޅުގަނޑުމެންނަށް އެތަނަށް ދެވުނު އިރު ކުދިން ތިބީ ބަންދުވެފައި، ހިނގި ކަންތަކާ މެދު އަޅުގަނޑުމެން މާފަށް އެދެން،" ދޯހާގައި ރިޕޯޓަރުންނާ ބައްދަލުކުރައްވައި ގަތަރުގެ އިންޓީރިއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚު އަބުދުﷲ ބިން ނާސިރު އައް ސާނީ ވިދާޅުވި ކަމަށް އޭޕީގައިވެ އެވެ.