ޤާހިރާ (މޭ 29): މިސްރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ކުރިހޯދި ދެކެންޑިޑޭޓުންނަކީ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓް މުހައްމަދު މަރްސީ އާއި ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމުގައި އެންމެފަހުން ބޮޑުވަޒީރުކަން ކުރެއްވި އަހްމަދު ޝަފީޤު ކަމަށް މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެމަތީ ކޮމިޓީން ރަސްމީކޮށް އިޢްލާންކޮށްފި އެވެ.

މިކޮޓީން އިއްޔެ އިޢްލާންކުރި ރަސްމީ ނަތީޖާ ބުނާ ގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ކުރިހޯދި ދެ ކެންޑިޑޭޓުންނަކީ މުހައްމަދު މަރްސީ އާއިއަހްމަދު ޝަފީޤެވެ. މަރްސީއަށް ލިބުނީ 24.4 ޕަސެންޓް ވޯޓުކަމަށާއި ޝަފީޤަށް ލިބުނީ 23.3 ޕަސެންޓް ވޯޓުކަމަށް ވެސް މިކޮމިޓީން ބުނެ އެވެ. މިއާ އެކު އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ހަމައެކަނި މި ދެ ކެންޑިޑޭޓުން ކަމަށް ވެސް އިންތިޚާބުތަޚާ ބެހޭ ކޮމިޓީން ވަނީ ހަމަޖައްސައިފަ އެވެ.

މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވި ޒުވާނުންނާއި އެކްޓިވިސްޓުންގެ ތާއީދު އެންމެ ބޮޑަށް ލިބިފައިވާ ކެންޑިޑޭޓުން މިއިންތިޚާބުގެ ދެވަނަ ބުރަށް ގޮސްފައެއްނުވެ އެވެ. ނަމަވެސް އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓް މުހައްމަދު މަރްސީ އަކީ ވެސް މުބާރަކްގެ ވެރިކަމާ ދެކޮޅަށް ތެދުވި މިސްރުގެ ޒުވާނުންނާއި އެކްޓިވިސްޓުންގެ ތާއީދު އޮތްބޭފުޅެއް ކަމަށް ޚަބަރުތަކާއި މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އަޙްމަދު ޝަފީޤަށް ލިބުނު ވޯޓުގެ ހަތަރު ގުނަ ވޯޓު އޭނާއާ އިދިކޮޅު ކެންޑިޑޭޓުންނަށް ލިބިފައިވެ އެވެ. ނަމަވެސް މިވޯޓުތައް ވަނީ މުބާރަކްގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވި ޒުވާނުންނާއި އެކްޓިވިސްޓުންގެ ތާއީދު އެންމެ ބޮޑަށް ލިބިފައިވާ ކެންޑިޑޭޓުންގެ މެދުގައި ބެހިގެންގޮސްފަ އެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ދެ ވަ ނަބުރުގައި މިހުރިހާ ފަރާތްތަކެއް އެއްގަލަކަށް އަރައި މުބާރަކްގެ ނިޒާމުގެ ޝަޚްސިއްޔަތެއް ކަމަށްވާ އަޙްމަދު ޝަފީޤު ބަލިކުރުމަށް މިހާރު ވެސް އަތުކުރިއޮޅާލާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ތެރެއިން 46 ޕަސެންޓް މީހުން ވޯޓުލާން ނުކުތްކަމަށް އިންތިޚާބުތަކާ ބެހޭ އެންމެމަތީ ކޮމިޓީން ބުނެ އެވެ. (އަލްޖަޒީރާ)