ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓިވީއަށް ގެއްލުންދިނުމުގެ ތުހުމަތުގައި ކޮންބައެކަން ނޭނގޭ ފަސް މީހެއްގެ ފޮޓޯ އާންމުކޮށް އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ އެ ފަސް މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނޮށް ފުލުހުންނާ ހިއްސާ ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"އެ ފަސް މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާވަނަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެންގުމަށް އެދެން،" ޝަތީހު ވިދާޅުވި އެވެ.

ސަތީހު ވިދާޅުވީ އެދުވަހު ވީޓިވީ ކައިރީ ހިންގި ހަމަނުޖެހުންތަކުގައި ވީޓިވީގެ އިމާރާތަށް ގަލާއި އަލިފާން ބޯޅަ އުކާ އެތަނަށް ގެއްލުން ދީފައިވާއިރު ވީޓީވީގެ މުވައްޒަފުންނަށާއި އެތާގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާއި ފުލުހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށެވެ.

ފަސް މީހުންގެ ފޮޓޯތަކާއެކު ފުލުހުން މިއަދު އާންމުކުރި ފޮޓޯތަކުގައި އެދުވަހު ހަލާކުކޮށްލި ދުވަހު ނޫސް "ހަވީރު" ގެ ކެމެރާ ހިފައިގެން ބަޔަކު ވީޓީވީ ކައިރީ ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެ އެވެ.

މީގެ އިތުރުން ފުލުހުން ވަނީ ވީޓީވީއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ނުވަ މީހުންގެ ފޮޓޯއާއި މައުލޫމާތު ވެސް އާންމު ކޮށްފަ އެވެ.

އެ ނުވަ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 17 އަހަރުގެ ކުޑަކުއްޖެއްގެ އިތުރުން ރ. އަލިފުށީ ހަމީދީ މަންޒިލް، ހުސެއިން ހަމީދު 26، އާއި ހަމަ އެގޭ އަހުމަދު ހަމީދު 29، އާއި ހ. ލަދުމާގެއާގެ، އަހުމަދު ނައީމް27، އާއި އއ. ފެރިދޫ އާޒާދުގޭ، ޣާނިމް ހަސަން 19، އާއި މ. ނޫރުޒޭރުގޭ، ހުސެއިން ޝިފާއު ޖަމީލު 19، އާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު 50 އާއި ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދު 19، އާއި ގ. ހާލަމް، އަހުމަދު މުހީން 22، އެވެ.