ލ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ އެ އަތޮޅު މާވަށު ވިކްޓްރީ ހައުސް، އިސްމާއިލް ރަފީއަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އޮޅުވެލި ލާމު ހޯލްޑިންގްސް ކިޔާ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ކުންފުނިން އެ ފައިސާ އެ ކޯޓަށް ދައްކާފައި ވަނިކޮށް މަކަރާއި ހީލަތުން އޭނާގެ ވަކީލު އެ ފައިސާ އަތުލައިގެންފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ތިން ޕޭމަންޓަކަށް ބަހައިގެން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ދެ ޕޭމަންޓުގެ ފައިސާ އޮޅުވެލި ލާމު ހޯލްޑިިންގްސް އިން ސިވިލް ކޯޓަށް ދައްކާފައިވާ ކަމަށެވެ.

އަދި ސިވިލް ކޯޓުން އެ ފައިސާ އެކީ އެއްފަހަރާ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައި ވަނިކޮށް ރަފީއުގެ ސޮއި ފޯޖްކޮށްގެން އޭނާގެ ނަމުގައި ފިނޭންސަށް ސިޓީއެއް ހުށަހަޅައިގެން އެ ފައިސާ ނެގުމަށް ފަހު އޭނާގެ ވަކީލުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ވަކީލު އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.

"ތިން ޕޭމަންޓެއްގެ ގޮތުގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ. މިގޮތަށް ހުކުމްކޮށްފައި ވަނިކޮށް ކުންފުނީގެ ފަރާތުން ދެ ޕޭމަންޓެއްގެ ފައިސާ ކޯޓަށް ދައްކާފަވާކަން ފާހަގަ ކޮށްލަން. ސިވިލް ކޯޓުން އެ ފައިސާ އެއްކޮށް ފިނޭންސަށް ފޮނުވާފައި ވަނީ. އެ ފައިސާ މިނިސްޓްރީ އަށް ފޮނުވާފައި ވަނިކޮށް ރަފީއުގެ ނަމުގައި ފިނޭންސަށް ސިޓީއެއް ލިޔެގެން އެފައިސާގެ ޗެކާ ހަވާލުވެފައި ވަނީ އޭނާގެ ވަކީލު. މިފައިސާ ވަކީލު ހިއްސާވާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފާހަގަ ކުރެވޭ،" ޝަތީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަފީއުގެ ފަރާތުން ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާ އަށް އެކަން އެނގިފައި ވަނީ އެ ފައިސާގެ ތެރެއިން މިހާތަނަށް ލިބުނު ފައިސާތަކެއް ކަމަށް ބުނެ އޭނާގެ ވަކީލު ރަފީއުގެ ނަމުގައިވާ ޗެކެއް އޭނާއާ ހަވާލު ކުހަވާލުކުރުމުން ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައަކީ މިހާތަނަށް ފުލުހުނަށް ހުށަހެޅިފައިވާ މައްސަލަތަކާ މުޅިން ތަފާތު މައްސަލައަކަށް ވާތީ އެ މައްސަލައިގެ ތަހުގީގު ނިންމައި ވީހާ ވެސް އަވަހަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.