28 May 2012, 17:54
މިއަހަރުގެ ތެރޭގައި 15 ރަށެއްގައި ބަދަރާއި 18 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށާނެ
ހދ. މަކުނުދޫ ބަނދަރު ހެދުމަށް 3.4 މިލިއަން ޑޮލަރު (52.42 މިލިއަން ރުފިޔާ)ގެ މަޝްރޫއެއްގައި އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީ އިން މިއަދު ސޮއިކޮށްފި އެވެ.
ދިހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ ޕްރޮޖެކްޓުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު އަދުހަމް އަބުދުއްﷲ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ޔޫރަޕިއަން އިންވަސްޓުމަންޓުގެ އެހީގައި މަކުނުދޫގައި އަލަށް ހަދާ ބަނދަރަކީ 240 މީޓަރު ފުޅާ 100 މީޓަރުގެ ދިގު ބަނދަރެއް ކަމަށެވެ.
ބަނދަރު މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަހުމަދު އަދުހަމް އަބުދުއްﷲ ވިދާޅުވީ ކުރިއަށް އޮތް ހަތަރު ހަފުތާގެ ތެރޭގައި މަކުނުދޫ ބަނދަރުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ ބަނދަރު ހެދުމުގެ މަޝްރޫއުތަކަކީ ރައްޔިތުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށާއި މި އަހަރުގެ ތެރޭގައި 15 ރަށެއްގެ ބަނދަރާއި 18 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ބަޖެޓް ލިބިއްޖެ ނަމަ ނިންމާލެވޭނެ ކަމަށެވެ.