28 May 2012, 17:42
އެމްޑީޕީން ބާއްވާ އެޕާޓީގެ އެތެރޭގެ އިންތިހާބްތަކުގެ ތެރެއިން ރިޔާސީ ޕްރައިމަރީ އާއި ޗެއާޕާސަން ހޮވުމަށް ވޯޓް ލެވޭނީ އެޕްރިލް 12 2012 ގެ ކުރިން އެޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަހުމަދު އަކްރަމް މިއަދު ވިދާޅުވީ މިގޮތަށް ހަމަޖެއްްސެވީ އެޕާޓީގެ އަސާސީ ގަވާއިދުގެ 95 ވަނަ މާއްދާގެ ދަށުން ކަމަށާއި އިންތިހާބްތަކުގައި ވޯޓްލެވޭ މީހުންގެ މައުލޫމާތު މިހާރު އެެޕާޓީގެ ރަސްމީ ވެބްސައިޓުންނާއި ޕާޓީގެ މައި އޮފީހުން ބެލެން ހުންނާނެ ކަމަށެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 95 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެއް އިންތިހާބް ބޭއްވުމުގެ 30 ދުވަސް ކުރިން ޕާޓީން އިއުލާން ކުރަންވާނެ އެވެ. ޕާޓީގެ ރައީސާއި ނައިބް ރައީސާއި ގައުމީ ޗެއާޕާޝަން އަދި ރިޔާސީ ޑިކެޓް ލިބޭ މީހަކު އިންތިހާބު ކުރުމަށް ނަގާ ވޯޓުގައި ވޯޓުލެވޭނީ އެމަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމާ ހަމައަށް ޕާޓީގައި ރަޖިސްްޓްރީވެފައިވާ ޕާޓީގެ މެންބަރުންނަށެވެ.
އަކްރަމް ވިދާޅުވީ އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ޖުމްލަ 16 ކެނޑިޑޭޓުން ވާއްދަކުރައްވާނެ ކަމަށެވެ. އޭގެ ތެރެއިން ގައުމީ ޗެއާޕާސަން އަދި ރިޔާސީ ޕްރައިމަރީ ބާއްވާނީ މުޅި ރާއްޖޭގައި ކަމަށްވެސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިންތިހާބް ކަވަރުކުރުމަށް އެމްޑީޕީގެ 1000 އަށްވުރެެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށާއި ވޯޓްލުމަށް 260 އަށްވުރެ ގިނަ ވޯޓް ފޮށި ބަހައްޓާފައި ހުންނާނެ ކަމަށެވެ.
ވޯޓްލާ ސަރަހައްދުތަކުގައި ވޯޓްލާ ނިމުމާ އެކު އޮބްޒާވަރުންގެ ހާޒިރުގައި ވަގުތީ ނަތީޖާ އިޢުލާން ކުރާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
" އެމްޑީޕީގެ އެތެރޭގެ އިންތިހާބްތަކުގެ ތެރެއިން ގައުމީ ޗެއާޕާސަން އާއި ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނެ، ޗެއާޕާސަންގެ ނައިބް އިދާރީގެ ވޯޓްލުން އޮންނާނީ ކޮންގްރެސްގެ މެންބަރުން ތިބި ހުރިހާ ރަށެއްގައި، ވޯޓްލުން ނިމުނީމައި ނަތީޖާ އިޢުލާން ކުރާނެ،" އަކްރަމް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބްތަކުގެ ތެރޭގައި ރިޔާސީ ޕްރައިމަރީ އާއި ގައުމީ ޗެއާޕާސަންގެ އިންތިހާބާއި ޗެއާޕާސަންގެ ނައިބް އިދާރީގެ އިންތިހާބް ހިމެނެ އެވެ. މީގެއިތުރުން ހަމަ އެދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެހެން އިންތިހާބުތަކަކީ ދާއިރާ ރައީސް އާއި ނައިބު ރައީސް އަދި ދާއިރާގެ ސެކްރެޓަރީން އާއި ސެކްރެޓަރީންގެ ނާއިބުން ހޮވުމަށް ދާއިރާތަކުގައި ބާއްވާ އިންތިހާބެވެ.