28 May 2012, 17:39
އެމްޑީޕީ ދޫކުރައްވައި އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އެމްޑީޕީގެ ރައީސްގެ މަގާމުން ދުރުކޮށްފައިވާ އެ ޕާޓީގެ އިންތިހާބީ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީ ދޫކުރައްވައި އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމަށް ނިންމެވީ އޭނާ އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ވަކިކޮށްފައި ވަނީ ކޮން މަގުސަދެއްގައި ކަން އެނގިވަޑައިގެންނެވި ހިސާބުން، ޑިމޮކްރެޓިކް އުސޫލުން ޕާޓީގެ ކަންކަން ހިނގުމަށް ހުރި ހުރިހާ ދޮރުތައް ބަންދުވެއްޖެކަން ކަށަވަރުވުމުން ކަމަށެވެ.
ނަމަވެސް ބަދަލުވެވަޑައިގަންނަވާ ވަކި ޕާޓީއެއް އަދި ނިންމަވާފައި ނުވާ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.
"މާރިޔާ ދީދީ [މާރިޔާ އަހުމަދު ދީދީ] ޕާޓީގެ ރައީސް ކަމަށް ގެންނަވަން ރައީސް ނަޝީދު ކުރެއްވި ކަމެއް އެއީ [އަޅުގަނޑުމެން ވަކިކުރުމަކީ]. މީގެ ކުރިން ވެސް ޕާޓީގެ ދެ ރައީސުން [ޑރ. މުހައްމަދު މުނައްވަރު އަދި އިބްރާހިމް އިސްމާއިލް] އާ ދޭތެރޭގައި ރައީސް ނަޝީދު އަމަލުކުރެއްވި އުސޫލުން އަމަލު ކުރެއްވީކަން އަޅުގަނޑަށް ކަށަވަރުވި ހިސާބުން އަދި ޑިމޮކްރެޓިކް އުސޫލުން ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ހަރުދަނާ ކޮށްގެން ކުރިއަށް ގެންދެވޭނެ ހުރިހާ ދޮރުތަކެއް ބަންދުވުމުން އަޅުގަނޑު އެގޮތަށް މި ނިންމީ،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ އެމްޑީޕީ ދޫކުރައްވައި އެހެން ޕާޓީއަކާ ގުޅިވަޑައިގެންނެވުމުގެ ކުރިން އެންމެ ބޮޑަށް ބައްލަވާނެ މިންގަނޑަކީ ގައުމީ މަސްލަހަތުގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކުރިއަށްދާ ޕާޓީއަކީ ކޮބައިތޯ ކަމަށެވެ.
"އަޅުގަނޑު އަދި ވަކިގޮތަކަށް ނުނިންމަން. ވަކި ގޮތަކަށް ނިންމާނީ ވަރަށް ގިނަ ބަޔަކާ މަޝްވަރާކޮށްފައި. އަދި ގައުމީ މަސްލަހަތަކީ ކޮބައިތޯ ބަލައިފައި. ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް އަޅުގަނޑު ކުރިއަށްދާނީ،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ އެހެން ޕާޓީއަކާ ގުޅިވަޑައިގެންނެވި ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން އޭނާ އާއި އަލްހާން އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހެޅުށްވުމަށް ކުރަންވަން ފެއްޓެވި މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ގެންދަވާނެ ކަމަށާއި އެކަމާ ބެހޭ ލިޔެކިޔުންތައް އެމްޑީޕީން ލިބުނުހާ އަވަހަކަށް އެ މައްސަލަ ކޯޓަށް ވައްދަވާނެ ކަމަށެވެ.
"އެ މައްސަލަ އަޅުގަނޑު ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކުރިއަށް ގެންދާނަން. އެކަންތައް ކުރުމުގެ ބޭނުމަކީ އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ ދޭތެރޭގައި ވެސް ކަންތައްތައް ކުރި ގޮތަށް ބޮޑު ޒަރީމާއެއްގެ ގޮތުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކޭތީ އާއި އެކަންކަމުގެ ހަގީގަތް ޕާޓީގެ އާއްމު މެންބަރުންނަށް ސާފު ކޮށްދިނުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭތީ،" ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި އެ ޕާޓީގެ ކުއްލި ބައްދަލުވުމެއްގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ފަހު ޑީޑީއާ އެކު މަގާމުން ދުރުކޮށްފައިވާ އަލްހާން ވެސް ވަނީ އެހެން ޕާޓީއަކާ ގުޅިވަޑައިގެންނެވުމުގެ ވިސްނުންފުޅެއް އޭނާ ގެންގުޅުއްވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވައިފަ އެވެ.