28 May 2012, 16:08
ރާއްޖެ އިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާއެއް ކަމަށްވާ އިންޓަނޭޝަނަލް ކޮވެނެންޓް އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބަިއނަލްއަގުވާމީ މުއާހަދާ)ގެ ދަށުން ރާއްޖެ އިން ހުށައަޅަން ޖެހޭ ޝެޑޯ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފަށައިފި އެވެ.
ްއެޗްއާރުސީއެމުން މިއަދު ބުނީ މިހާރު މަސައްްކަތް ފަށާފައިވާ ރިޕޯޓަކީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާގެ ދަށުން ލިބިދޭ ހައްގުތައް ރާއްޖޭގައި ކަށަވަރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އެ މުއާހަދާ ތަންފީޒުކުރުމުންދާ މިންވަރާ ބެހޭ ގޮތުން ތައްޔާރު ކުރާ ރިޕޯޓެއް ކަމަށެވެ. އަދި ބުނީ އެ ރިޕޯޓް ހުށައަޅަން ޖެހެނީ މުއާހަދާގެ ދަށުން އުފައްދާފައިވާ އދ.ގެ ހިއުމަންރައިޓްސް ކޮމިޓީއަށް ކަމަށެވެ.
މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ރިޕޯޓް އެކުލަވާލުމަށް ޓަކައި މިހާރު ދައުލަތާއި މަދަނީ ޖަމިއްޔާތަކާއި އަދި މުއާހަދާއާ ގުޅުން ހުރި އެހެނިހެން ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އެއްކުރަމުންދާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާގައި ބަިއވެރިވާ ދަައުލަތްތަކުން، މުއާހަދާގައި ބައިވެރިވާތާ އެއް އަހަރު ފަހުން އދ.ގެ އޮފީސް ފޯ ދަ ހައި ކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް (އޯއެޗްސީއާރު) އަށް އިނީޝަލް ރިޕޯޓް ފޮނުވަން ޖެހެ އެވެ. ނަމަވެސް ރާއްޖެ އިން އެރިޕޯޓް ފޮނުވާފައި ވަނީ ތިން އަހަރު ފަހުން 2010 ވަނަ އަހަރު އެވެ.
އެޗްއާރުސީއެމުން ބުނީ ދައުލަތުގެ އިތުރުން އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުން ވެސް އދ.ގެ ހިއުމަންރައިޓްސް ކޮމިޓީއަށް ރިޕޯޓް ހުށައަޅަން ޖެހޭ ކަމަށެވެ.
އެޗްއާރުސީއެމުން ހުށައަޅާ ރިޕޯޓަށް ބަލައި ރާއްޖެ ރިވިއުކުރަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހު ސްވިޒަލެންޑްގެ ޖެނީވާގައި ބާއްވާ ހިއުމަންރައިޓްސް ކޮމިޝަންގެ 105 ވަނަ ސެޝަންގަ އެވެ.