ވެރިރަށް މާލޭގެ ގަލޮޅުގައި ހުރި ބައެއް ފިހާރަތަކާއި ބޭސް ފިހާރަތަކަށް މޫނު ނިވާކޮށްގެން ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން، ފިހާރައިގެ ކޭޝިއަރަށް ބިރު ދައްކައި ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، މިދިޔަ އާދިއްތަ ދުވަހު ގަލޮޅު ޕޮލިހުން ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާގެ އެފަދަ ގިނަ މައްސަލަތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން، ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، އިއްޔެ ހައްޔަރު ކުރި މީހާގެ މައްޗަށް ތުހުމަތުކުރެވޭ އެފަދަ ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.