28 May 2012, 15:55
ޑްރަގް ކޯޓަށް 12 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަޖައްސައިފި އެވެ.
ޖުޑީޝަރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް ވިދާޅުވީ ޑްރަގް ކޯޓަށް 12 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވާ ކަމަށެވެ.
"ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އަންގާފަ ޑްރަގް ކޯޓަށް 12 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވާކަމަށް،" ލަތީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީން ޑްރަގް ކޯޓަށް ހަމަޖެއްސި 12 މިލިއަން ރުފިޔާގެ ބަޖެޓަކީ ޑިޕާޓްމަންޓުން އެދިފައިވާ އަދަދު ކަމަށާއި އެކަމުގެ ސަބަބުން އެ ކޯޓުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށެވެ.
ޑްރަގް ކޯޓުގެ ބަޖެޓް ހަމަޖައްސާފައިވާއިރު އެ ކޯޓު ހިންގުމަށް ސަރުކާރުން ދީފައިވާ ކުރިން އެންސްޕާ ހިންގި އިމާރާތް މަރާމާތު ކުރުމަށް 2.5 މިލިއަން ރުފިޔާއަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑާއި މިދިޔަ ހަފްތާގައި ވަނީ ހަވާލުކޮށްފަ އެވެ.
ޑްރަގް ކޯޓުގެ މަސައްކަތްތައް ވަގުތީގޮތުން ހިންގަމުން ދަނީ ކުރިން ޖުވެނައިލް ކޯޓު ހިންގި، މ. ފަންހިޔާ ބިލްޑިންގަ އެވެ. ނަމަވެސް އަދި އެ ކޯޓުން ޝަރީއަތްތައް ފަށާފައި ނުވެ އެވެ.