މިފަހަރުގެ ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތައް ނުކުތީވެސް ވަކި ޓާގެޓެއް ހާސިލް ކުރަން ކަމަށާއި އެޓާގެޓް ހާސިލް ކުރެވެން އަންނަނީ މާދަމާ ވެލެންސިޔާގެ މައްޗަށް ކުރި ހޯދައިގެން ކަމަށް އީގަލްސްގެ ކޯޗް އިހުސާން އަބްދުލްޣަނީ (ސާންތީ) ބުނެފި އެވެ.

މާދަމާގެ މެޗަށް އީގަލްސް ނުކުންނައިރު ލީގް ތާވަލްގެ ފުރަތަމަ ބުރުގައި އެޓީމް އޮތީ ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. އަދި ވެލެންސިޔާ އޮތީ ފުރަތަމަ ބުރުގައި ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާންތީ ބުނީ، ވެލެންސިޔާއާ ދެކޮޅަށް ނުކުންނައިރު މާދަމާގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި އެ މެޗުން މޮޅުވެ ތިން ޕޮއިންޓު ހޯދުމުން އީގަލްސްގެ ޓާގެޓް ހާސިލް ކުރެވޭނެ ކަމަށެވެ.

"މުބާރާތައް ނުކުތީވެސް ވަކި ޓާގެޓެއް ހާސިލް ކުރަން. އެޓާގެޓް ހާސިލް ކުރެވެން އަންނަ ނަނީ ވެލެންސިޔާގެ މައްޗަށް ކުރިހޯދައިގެން. ކޮންމެހެން ހޯދަން ޖެހޭ ތިން ޕޮއިންޓު އެއީ." ސާންތީ ބުންޏެވެ.

ސާންތީ ބުނީ، ވެލެންސިޔާއާ އަކީ ވެސް ބަލި ޓީމެއް ނޫންކަމަށާއި އެޓީމުގައި ޒުވާން މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި މާދަމާގެ މެޗަށް ނިކުނައިރު އެޓީމުގެ ބިދޭސީ ކުޅުންތެރިންނަށް ހާއްސަ ސަމާލު ކަމެއް އީގަލްސްއިން ދޭނެ ކަމަށް ވެސް ސާތީ ބުންޏެވެ.

"ވެލެންސިޔާ ޓީމުގައި ވަރަށް ޒުވާން ރަނގަޅު ކުޅުންތެރިން އެބަތިބި. އެކްސްޕީރިއަން ބައެއް ކުޅުންތެރިން ވެސް އެބަތިބި. އެޓީމުގެ ބިދޭސީ ކުޅުންތެރިން ނަކީ ވެސް ރަނަގަޅު ކުޅުންތެރިން. މާދަމާގެ މެޗަކީ އަޅުގަނޑުމެންނަށް ފަށޭހަ މެޗަކަށް ނުވާނެ. މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ސާންތީ ބުންޏެވެ.

އީގަލްސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވެލެންސިޔާގެ ކޯޗް މުހައްމަދު އިގްބާލް ބުނީ، މާދަމާގެ މެޗަށް ނިކުންނައިރު ޓީމުގެ އެންމެ މުހިންމު ފޯވާޑް ނެތުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށާއި އެހެންނަމަވެސް ޓީމުގައި ދެން ތިބި ބަޔަކު ލައިގެން މާދަމާ އީގަލްސް އަތުން މޮޅެއް ހޯދުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ކަމަށެވެ.

"މާދަމާގެ މެޗުގައި ބިދޭސީ ފޯވާޑް ވިސްޑަމް ސޮލަމަން ނުފެންނާނެ. އޭނަ މިވަގުތުވީ އޭނަގެ އަމިއްލަ ގައުމަށް ގޮސް. އެހެން ނަމަވެސް އަންނަ މަހު ތެރޭ އޭނަ އަންނާނެ" އިގްބާލް ބުންޏެވެ.

ވެލެންސިޔާއާ ދެކޮޅަށް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާދަމާ އީގަލްސް ބައްދަލުކުރާ މެޗް ފަށާގަޑި އަކީ ހަވީރު 4:00 ޖަހާއިރު އެވެ