ކައުންސިލްތަކާއި ގައުމީ އިދާރާތަކުން އެކި އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތައް ނުދައްކައި ފުނިޖެހި އެ އަދަދުތައް އެތައް މިލިއަނަކުން ގުނޭ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ގައުމީ އިދާރާތަކާއި ކައުންސިލްތައް އޮޑިޓް ކުރުމަށް ފަހު އެލްޖީއޭ އިން ހޯމް މިނިސްޓްރީއަށް ފޮނުވާފައިވާ ހިސާބުތަކުގެ ތަފްސީލް ސަން އޮންލައިނަށް ދެއްވަމުން ހޯމް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކައުންސިލްތަކުން އެކި ފަރާތްތަކަށް ދައްކަން ޖެހި ފައިސާ ނުދައްކައި ހުރި ބިލްތަކުގެ ޖުމްލަ އަދަދު 23 މިލިއަނަށް އަރާ އިރު ގައުމީ އިދާރާތަކުން ދައްކަންޖެހިފައިވާ ބިލްތަކުގެ އަދަދުން ތިން މިލިއަނަށް އަރާ ކަމަށެވެ. ދެ އިދާރާ އިން ދައްކަން ޖެހޭ ޖުމްލަ އަދަދު 26 މިލިއަނާ ގާތް ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެލްޖީއޭ އިން އެ ދެ އިދާރާތަކުގެ އޮޑިޓެއް ކުރެއްވި އިރު މިކަން ޑިސްކަވާވީ [ހާމަވީ]. އަޅުގަނޑުމެންނަށް އެބޭފުޅުން ފޮނުއްވާފައި އޮންނަ ހިސާބުތަކުގައި ކައުންސިލާއި ގައުމީ އިދާރާ އެއްކޮށް އެބައޮވޭ 26 މިލިއަން ރުފިޔާގެ ބިލްތައް ފައިސާ ނުދައްކާ ހުރި ގޮތަށް ހުރި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލްތަކަށް ފައިސާ ދޫނުކޮށް ހުރީ ގިނަ ބިލްތައް ތައްޔާރު ކޮށްފައި ހުރީ މާލިއްޔަތު ގާނޫނާ ހިލާފަށް އެގްރިމަންޓެއް ވެސް ނުކޮށްވުމުން ކަމަށާއި ނަމަވެސް އެފަދަ ބިލްތަކަށް ފައިސާ ދޫކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެ ގޮތަށް މާލިއްޔަތު ގާނޫނަށް ނުފެތި އަދި އެގްރިމަންޓެއް ނެތި ހަމަ އެކަނި ބިލްތަކެއް ފެންނަން ހުރިއްޔާ ވަރަށް އުނދަގޫވާނެ ބަޖެޓުން ފައިސާ ދޫކުރަން. އެއީ ވަރަސް އުނދަގޫ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެގޮތަށް ފުނިޖެހިފައި ހުރި ގިނަ ބިލްތަކަކީ މެއިންޓަނެންސް އެކި އެކި މަސައްކަތްތައް ކުރުމަށް ފަހު އެކި ފަރާތްތަކުން އެކި ދުވަސްވަރު ފޮނުވާފައިވާ ބިލްތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.