އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ، އެގައުމުގެ ސިފައިން ރާއްޖެ ފޮނުވައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރަން ގޮވާލި ގޮވާލުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ސްވާމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ދާދި ފަހުން ޗައިނާއަށް ވަޑައިގެންނެވިކަން ފާހަގަކުރައްވައި ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗު 15އިގެ ކުރިން އަނބުރާ ގެންދިޔުމަށް ރައީސް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަންގަވާފައިވާ ކަމަށެވެ.

އެއީ ރާއްޖެއިން އިންޑިއާއަށް ޝުކުރުވެރިވުމުގެ ބަދަލުގައި އެގައުމުގެ އަގުވައްޓާލުމުގެ ގޮތުގައި ސިފަކުރައްވައި ސްވާމީ އެއްސެވީ، ރާއްޖެއަށް އިންޑިއާގެ އެއްގަމާއި ވައިގެ އާއި ކަނޑުގެ ސިފައިން ފޮނުވައިގެން ރައީސްގެ ވެރިކަން ބޮޑުވަޒީރު މޯދީއަށް ކުރެއްވޭނެތޯއެވެ.

އެ ޕޯސްޓާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ނަފުރަތު އުފެއްދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި އެ ގުޅުން ބިނާވެފައި ވަނީ އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމު ކުރުމާއި ދެ ގައުމުގެ ރައްޔިތުންގެ ގުޅުމުގެ މައްޗަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އަދި އެފަދަ ވާހަކަތަކާ މެދު އަޅާލަން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެ އެއީ ދަށު ދަރަޖައިގެ ވާހަކަތަކެއް ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ސްވާމީ އެ ވާހަކަ ދައްކާފައި ވަނީ ދާޚިލީ، ސިޔާސީ މަގުސަދެއް އޮވެގެން ކަމަށް ތުހުމަތުކޮށް އެ ޕާޓީން ވަނީ އެފަދަ ކަމަކަށް ރާއްޖޭ ބޭނުން ނުކުރުމަށް ގޮވާލާފައެވެ.

ހަމަ އެ ބަޔާނުގައި އެމްޑީޕީން ވަނީ، އެފަދަ ވާހަކަތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަދައްކާފައެވެ. އެގޮތުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމާ މެދު ރައީސް ގެންގުޅުއްވަނީ ނުރައްކާތެރި ސިޔާސާތެއް ކަމަށާއި އޭގެ ސަބަބުން ސްވާމީ ފަދަ މީހުންނަށް އެގޮތަށް ވާހަކަ ދައްކަން ޖާގަ ދެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ރައީސް މިދިޔަ ހަފުތާގައި ޗައިނާއަށް ވަޑައިގަތުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ދެއްވި ބަޔާނުގައި، އިންޑިއާއަށް ނުސީދާ ގޮތެއްގައި ރައްދުކުރެއްވިއެވެ. އެގޮތުން އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.